ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި ތިބި އޮފިޝަރުންނަށް ހުޅުވާލައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުން އެ ކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާ ކަަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް އެ މަގާމަށް ޝައުގުވެރިވާ އޮފިޝަރުންނަށް "ލެޓާ އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން އެ ދުވަހު ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެކްޓިން ކޮމިޝަނަރުގެ މަގާމު މިހާރު ފުރުއްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.