ތުއްތު ދަރިފުޅު އެހެން އެނދެއްގައި ނުވަތަ އެހެން ކޮޓަރިއެއްގައި ބޭއްވުމަކީ ވަރަށް ގިނަ މައިންނަށް ކުރަން އުނދަގޫ ކަމެކެވެ. ނަމަވެސް ސައިންސްވެރިން ބުނަނީ މަންމަ ނިދާ ކޮޓަރި ނޫން އެހެން ކޮޓަރިއެއްގައި ދަރިފުޅު ނިދަން ބޭއްވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

ޚާއްސަކޮށް، ކުއްޖާގެ އުމުރުން ހަތަރު މަސް ވުމުން ވަކިން ތަނެއްގައި ނިންދެވުމަކީ މުހިއްމު ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. އެމެރިކާގެ ސައިންސްވެރިން ބުނަނީ ކުއްޖާއަށް ހަތަރު މަސް ފުރުމަށް ފަހު މަންމައާ އެއް ކޮޓަރިއެއްގައި ބޭއްވުމަކީ ކުއްޖާއަށް ނިދި މަދުވާ ކަމަށެވެ. އަދި ރައްކާތެރިކަމެއް ނޫން ކަމަށެވެ

ސައިންސްވެރިން ކުރި ދިރާސާއިން ހޯދިފައިވާ ގޮތުގައި ކުއްޖާއަށް ހަތަރު މަސް ފަހުން މަންމައާ އެއް ކޮޓަރިއެއްގައި ނިދާ ކުދިންނަށް އެ ކުދިންގެ ގައިގައި އޮންނަ ފޮތިގަނޑު، ބާލީސް ނުވަތަ އެނޫން ވެސް އެއްޗެއްގެ ސަބަބުން ކުއްލިއަކަށް މަރުވުން (ސަޑްން އިންފަންޓް ޑެތު ސިންޑްރޯމް) ދިމާވުމުގެ ފުރުސަތު ބޮޑެވެ.

"ކުދިން ވަކި ތަނެއްގައި ނިންދެވުން މާ ލަސްކުރުމަކީ އެކުދިންނަށާއި އެ ކުދިންގެ މައިންބަފައިންގެ ނިދުމަށް ވެސް ކުރު އަދި ދިގު މުއްދަތަކަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއް،" އެމެރިކާގެ ޕެންސިލްވީނިޔާގެ ޕެން ސްޓޭޓް ކޮލެޖު އޮފް މެޑިސިންގެ ޕްރޮފެސާ އޮފް ޕީޑިއެޓްރިކްސް އިއާން ޕޯލް ވިދާޅުވި އެވެ.

ތުއްތުއިރު ކުދިންނަށް އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ނަމަ ފަލަބަލި ޖެހި، ބޮޑުވަމުން އަންނައިރު ރަނގަޅަށް ނުނިދޭތީ އުޅެން ޖެހެ އެވެ. އަދި މިއީ އެކުދިންގެ ބެލެނިވެރިންނަށް ވެސް ނުރަނގަޅު އަސަރުތައް ފޯރާނެ ކަމެކެވެ.

މި ދިރާސާގައި ޕްރޮފެސާ ޕޯލް އާއި ޓީމުން ބޭނުންކޮށްފައި ވަނީ އެބޭފުޅުން މަސައްކްތްކުރާ ހޮސްޕިޓަލެއްގައި ވިހޭ 279 މަންމަ އަކާއި އެމީހުންގެ ދަރިންނެވެ.މި ދިރާސާ ބުނާ ގޮތުން ކުދިންގެ އުމުރުން ހަތަރު މަސް ފުރުމުން އެކަނި ވަކި ކޮޓަރިއެއްގައި ނިންދެވުމުން އެވްރެޖްކޮށް ކޮންމެ ކުއްޖަކުވެސް ނިދާފައި އޮންނަ ވަގުތު 45 މިނިޓް އިތުރުވެ އެވެ. އަދި ހޭލިޔަސް އަލުން ނިދާފައި ގިނަ ވަގުތު އޮވެ އެވެ. ނަމަވެސް މަންމައާ އެއްތަނެއްގައި ނިދާ ކުދިން އުމުރުން ނުވަ މަސް ވާއިރު، ނިދާފައި އޮންނަ ވަގުތު އެއް ގަޑި 40 މިނިޓް މަދުވެ އެވެ.

މި ދިރާސާއަކީ އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް (އޭއޭޕީ) އިން މީގެ ކުރިން ދީފައިވާ އިރުޝާދުތަކާ ފުށުއަރާ ހޯދުން ތަކެކެވެ. އޭއޭޕީ އިން އިރުޝާދު ދެނީ ކުޑަކުދިން ކުއްލިއަކަށް މަރުވުމުގެ ނުރައްކާ ކުޑަކުރުމަށް ކުދިންގެ އުމުރުން އެއް އަހަރު ވަންދެން މައިމީހާ ކައިރީގައި ނިންދެވުމަށެވެ.