އިސްރާއީލަށް އޮޅިގެން ފަލަސްތީނުގެ ޣައްޒާގައި ތިބި ތިން އަސީރަކު މަރާލެވިފައިވާ ކަމަށް އިސްރާއީލުން ބުނެފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ފަލަސްތީނުގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލްގެ 1،200 އަށް ވުރެ ގިނަ މީހުން މަރާލައި، އަސީރުންގެ ގޮތުގައި 250 އަށް ވުރެ ގިނަ މީހުން ޣައްޒާ އަށް ގެންގޮސްފައިވެ އެވެ.

އެކަމަކު، އިސްރާއީލާއި ހަމާސްއާ ދެމެދު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން އޭގެ ތެރެއިން ބައެއް އަސީރުން ވަނީ ދޫކޮށްލައިފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުންތަކެއް ވެސް ދޫކޮށްލާފައިވެ އެވެ. އިސްރާއީލުން ބުނާ ގޮތުން ނަމަ، ހަމާސްގެ ބެލުމުގެ ދަށުގައި ފަލަސްތީނުގެ ޣައްޒާގައި އަދިވެސް 130 މީހުން އެބަތިބި އެވެ.

އޭގެ ތެރެއިން ބައެއް މީހުން އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.

ހަމާސް އިން އެގޮތަށް ބުނެފައި ވަނިކޮށް، އިސްރާއީލްގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި އިސްރާއީލް ސިފައިންގެ ހަމަލާތަކުގައި އޮޅިގެން އިތުރު ތިން އަސީރަކު ވަނީ މަރުވެފަ އެވެ. އިސްރާއީލުން ބުނާ ގޮތުން ނަމަ، އެމީހުންނަށް ހަމަލާދީ މަރާލެވުނީ އެމީހުންނަކީ ނުރައްކަލެއް އޮތް މީހުން ކަމަށް ބަލައިފަ އެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އަސީރުން މަރާލެވުނީ ފަލަސްތީނުގެ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އެ އަސީރުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކުރާ ކަމަށް ބުނެފައިވެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ދެފުށް ފެންނަ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމުގެ ޔަގީންކަން ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ދީފަ އެވެ.

"ޝުޖައްޔާގައި ހިންގި އޮޕަރޭޝަނެއްގައި އޮޅިގެން އިސްރާއީލްގެ ތިން އަސީރުން ފާހަގަ ކުރެވުނީ ނުރައްކަލެއްގެ ގޮތުގައި. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުންނަށް ހަމަލާދީ ވަނީ މަރާލެވިފައި،" އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައިވެ އެވެ.

މަރާލެވުނު ތިން އަސީރުންގެ ނަންތައް ވެސް އިސްރާއީލުން ވަނީ ހާމަކޮށްފަ އެވެ. އިސްރާއީލުން ބުނާ ގޮތުގައި މަރާލެވިފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 18،700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގެއްލިފައި 8،000 އަށް ވުރެ ގިނަ މީހުން ތިބި ކަމަށްވެ އެވެ.

އިސްރާޢީލާއި ހަމާސްއާ ދެމެދު ހަނގުރާމަ މެދުކަނޑާލަން ހެދި އެއްބަސްވުމާ ގުޅިގެން ހަމާސް އިން ވަނީ 110 އަސީރުން މިނިވަންކޮށްފަ އެވެ. އަދި މަރުވެފައިވާ އަށް މީހެއްގެ ހަށިގަނޑު އިސްރާއީލުގެ ސިފައިންނަށް ޣައްޒާ އިން ވަނީ ފެނިފަ އެވެ.