ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް ހަތަރެއް" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ގެއްލިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ "ފްރެންޑް ހަތަރެއް" ދޯންޏަށް ބޮޑެތި ރާޅުތަކެއް އަރައި ދިޔަވުމާ ގުޅިގެން ކަމަށެވެ. ދޯނި އަޑިއަށް ގޮސްފައިވަނީ ސަލާމަތީ ހިދުމަތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ދޯނީގައި ޖުމްލަ އަށް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތްކުރެވިފަ އެވެ.
ނަމަވެސް ދޯނީގެ ކައްޕިގެ އިތުރުން އެހީތެރިވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފަ އެވެ. ސަލާމަތީ ބާރުތަކުން ދަނީ ގެއްލުނު މީހުން ހޯދުމުގެ ހާއްސަ މަސައްކަތްތަކެއް ކަނޑުމަގުންނާއި ވައިގެ މަގުން ކުރިއަށް ގެންދަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ 23:22 ގައި ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި މުދަލާއެކު އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ދޯނީގައި ތިބި މީހުންގެ ތެރެއިން ހަތް މީހަކު ސަލާމަތް ކުރެވިފައިވާއިރު، ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ގެއްލުނު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
އީރާނަށް އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި
