ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުއްޓައި ފިލްމީތަރި މުހައްމަދު ޔުނާން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ނިންމައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޔުނާނު ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށާއި މާދަމާ އެމައްސަލަ ހައިކޯޓަށް ހުށައަޅާނެ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ މިމަހުހެ 14 ވަނަ ދުވަހު އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް، އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. މިހާރު މިމައްސަލަ އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

މި މައްސަލާގައި ޔުނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 110 އަހަރާއި 133 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ސާބިތުވާނަމަ 50 އަހަރާއި 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.