ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ބަރުދަން ލުއި ކުރެވޭނީ ވަރުގަދައަށް ޑައިޓްކޮށް، ދުވަން ނުވަތަ ޖިމަށް ގޮސް އެވަރަށް ކަސްރަތުކޮށްގެންނެވެ. ނަމަވެސް ހަގީގަތަކީ ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލުކޮށްގެން އެކަން ހާސިލުކުރެވިދާނެ ކަމެވެ. މި ހިއްސާކޮށްލަނީ ބައެއް ކަންކަމެވެ.
ހެނދުނުގެ ނާސްތާ ދޫކޮށްނުލުން
ބަރުދަން ލުއި ކުރުމުގެ ނަމުގައި ހެނދުނުގެ ނާސްތާ ނުނަގާ ދޫކޮށްލާ ވަރަށް ގިނަ މީހުން އުޅެ އެވެ. މިއީ ކެލޮރީސް މަދުކޮށްލަން ކަމަށް ބުނެ ކުރާކަމަކަށް ވާއިރު އޭގެ ސަބަބުން ދެން ދުވާލުގެ އެކި ގަޑި ގަޑީގައި މާ ގިނައިން ކެލޮރީސް ކެވޭގޮތްވެ އެވެ.
ގަސް ހެއްދުން
ގަސް ހައްދާ ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. ގަސްތަކަށް ފެންދީ، ވެލި ބަދަލުކޮށް މިފަދަ ކަންތަކުން ހަށިގަނޑަށް ކަސްރަތު ލިބޭނެ އެވެ. ދުވާލަކު ބައި ގަޑިއިރަށް މި މަސައްކަތުގައި އުޅެލެވުނަސް އެއީ ބައިވަރު ކަސްރަތެވެ..
ހަމަ ނިދި ނިދުން
ކަސްރަތު ކުރުމާއި އެއްވަރަށް ނިދި ހަމަކުރުމަކީ ބަރުދަން ލުއި ކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ފަހުން އަނެއްކާ ވެސް ބަރުދަން އިތުރުވުމުން ދުރުކޮށްދޭނެ ކަމަކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަމަ ނިދި ނުލިބޭ މީހުން ފަލަވުމުގެ ފުރުސަތު 55 އިންސައްތަ ބޮޑެވެ.
ގިނައިން ފައިބާ އެކުލެވޭ ކާނާ ކެއުން
ބަރުދަން ލުއި ކުރުމަށްޓަކާ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ކާނާ ކެއުން މުހިންމެވެ. ފައިބާ ހިމެނޭ ކާއެއްޗެހި ކެއުމުން ގިނައިރު ބަނޑުހައިނުވެ ހުރެ އެވެ. މީގެ ސަބަބުން ކެވޭ ވަރު މަދުވެ ބަރުދަން ލުއި ކުރުމަށް އެހީއަކަށް ވެގެންދާނެ އެވެ.
ގިނައިން ފެންބުއިން
ދުވާލެއްގެ މައްޗަށް 0.5 ލީޓަރުގެ ފެން ބޯ ނަމަ ތި ބާން ކުރެވޭ ކެލޮރީސްގެ އަދަދު 24-30 އިންސައްތައާއި ހަމައަށް އިތުރުވެގެން ދެ އެވެ. މީގެ އިތުރުން ކެއުމުގެ ކުރިން ފެންތައްޓެއް ބޯނަމަ ކެލޮރީސް ކެވޭ ވަރު މަދުވާނެ އެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކެއުމުގެ ބައިގަޑި އިރު ކުރިން ފެންބޯ މީހުންގެ ބަރުދަން ލުއިވާ މިންވަރު ތިން މަސްތެރޭގައި 44 އިންސައްތަ އިތުރުވެފައިވެ އެވެ.