ގައުމީ ސަލާމް ކިއުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން މިއަދު ކަނޑައަޅައިފި އެވެ.

މެމްބަރުން ހަމަނުވުމުގެ ސަބަބުން މަސައްކަތްތައް ހުއްޓިފައި އޮތް ފަތުވާ ކައުންސިލް އަލުން ފެށުމަށް ފަހު ފުރަތަމަ ނެރުނު ފަތުވާގައި ބުނެފައިވަނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެއީ އާދަތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އާދަތަކުގެ އަސްލަކީ ހުއްދަވުން ކަމަށް އެފަތުވާގައި ބުނެފައިވެ އެވެ.

އެހެންކަމުން ގައުމީ ސަލާމް ކިޔުމާއި އެ ލަވައަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރާ ކަންކަން ހަރާމް ކަންކަން ގޮތުގައި ކަނޑަނޭޅޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެ އެވެ.

"އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުންނެވެ. އެހެންކަމުން. މަތީގައި ބަޔާންކުރެވުނު މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގަ އެވެ." ފަތުވާގައިވެ އެވެ.

ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމުގައި ފަތުވާ މަޖިލީހުން ކަނޑައެޅިއިރު، ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް އާ ސަރުކާރުގެ ކެބިނެޓުން ވަނީ މި މަހުގެ 5 ވަނަ ދުވަހު ނިންމައިފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ހިމެނޭ "ހަފްތާ 14" ގައި ވެސް ވަނީ އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ ވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަން ފެށުމަށް ހިމަނައިފަ އެވެ.