މާލެ ސިޓީ ކައުންސިލަށް އެކި ކަންކަމުގައި ކޮންސަލްޓަންޓް ދިނުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުމުންތަކުގެ އަގު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނުނުގެ ދަށުން "ހުރިހާ" އިން ވަނީ މާލެ ސިޓީ ކައުންސިލަށް ކޮންސަލްޓަންޓް ކޮށްދިނުމަށް ހަރަކާތެރިވެފައިވާ މީހުންގެ މައުލޫމާތާއި އެމީހުން ކޮށްފައިވާ މަސައްކަތުގެ ތަފްސީލު އަދި ދައުލަތުން މަހެއްގެ މައްޗަށް ދީފައިވާ މުސާރަ ހޯދުމަށް އެދިފަ އެވެ.

މާލެ ސިޓީ ކައުންސިލުން "ހުރިހާ"އަށް ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު އެކި ކަންކަމަށް ކޮންސަލްޓަންޓް ދިނުމަށް އެކި ފަރާތްތަކާއެކު ވަނީ އެއްބަސްވުން ގާއިމްކޮށްފަ އެވެ. އެގޮތުން 13 ފަރާތްތަކާއެކު މިއެއްބަސްވުން ހަދާފައިވާއިރު މިއެއްބަސްވުންތަކުގެ އަގު 10,078,500.00ރ. (ދިހަ މިލިއަން ހަތް ލައްކަ އައްޑިހަ ހަ ހާސް ރުފިޔާ) އަށް އަރަ އެވެ.

އޭގެ ތެރެއިން ބައެއް ކޮންޓްރެކްޓްތައް މިހާރު ނިމިފައިވާއިރު ބައެއް ކޮންސަލްޓަންޓުންގެ މަގާމުގައި ތިބި މީހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރައްވައިފަ އެވެ.

ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮންސަލްޓަންޓް ހިދުމަތް ހޯދާފައިވާ ބައެއް ކަންކަމަކީ އާންމު ސިވިލް ސާވިސް މުވައްޒަފުން ބޭނުންކޮށްގެން ވެސް ދައުލަތުގެ އޮފީސްތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައިވެސް ކުރައްވާ މަސައްކަތްތަކެވެ. އެގޮތުން ފޮޓޯ ނެގުމާއި ސޯޝަލް މީޑިއާ ހިންގުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އެންމެ ކުޑަ އަގެއްގައި ކޮންސަލްޓަންސީ ދިން ފަރާތްތަކަށް ވެސް މަހެއްގެ މައްޗަށް 18,000ރ. ސިޓީ ކައުންސިލުން ހޭދަކުރެ އެވެ. އެންމެ އަގުބޮޑުކޮށް މަސައްކަތް ހަވާލުކުރީ 45,000ރ. އަށެވެ.

ސިޓީ ކައުންސިލުން އިނގިރޭސި ބަހުން ލިޔަން ޖެހޭ ލިޔުން ލިޔުމަށް

ހަވާލުކުރި ފަރާތް: ކިންގްސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް

މަސައްކަތް: މައުލޫމާތު ފެތުރުމަށާއި, ސިޓީ ކައުންސިލް ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަން ޖެހޭ ލިޔުންތައް ލިޔަން

ހަވާލުކުރި ތާރީހު: ޖެނުއަރީ 25, 2022

މުއްދަތު ހަމަވާ ތާރީހު: ނޮވެމްބަރު 30, 2023

މަހު ފީ: 25,500ރ. (ފަންސަވީސް ހާސް ފަސްސަތޭކަ ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 561,000ރ. (ފަސް ލައްކަ ފަސްދޮޅަސް އެއް ހާސް ރުފިޔާ)

ކިންގްސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި މިނިސްޓަރެއްގެ ފެންވަރުގައި އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނުކުރައްވާފައިވާ މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވަނީ

އޭނާގެ އިތުރުން މި ސަރުކާރުގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމަނަތު ހުސައިން ޝަރީފަކީ ވެސް އެ ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެ ކުންފުނި އުފައްދާފައި ވަނީ މި މަސައްކަތް ހަވާލުކުރިތާ ތިން މަހާއި ނުވަ ދުވަސް ކުރިން އޮކްޓޯބަރު 17, 2021 ގަ އެވެ.ަ

އާބަން ކޮންސަލްޓަންޓުންގެ މަގާމުގައި ދެ ބޭފުޅުން

ހަވާލުކުރި ފަރާތް: ޑރ. އަލީ ހައިދަރު އަހްމަދު އަދި މަރިޔަމް ޖުހައިނާ ސޯދިގު

މަސައްކަތް: އާބަން ޕްލޭނިން ކޮންސަލްޓަންސީ ދިނުން

ހަވާލުކުރި ތާރީހު: މެއި 15, 2022 އަދި އޮކްޓޯބަރު 20, 2021

މުއްދަތު ހަމަވާ ތާރީހު: މެއި 14, 2023 އަދި އޮކްޓޯބަރު 19, 2023

މަހު ފީ: 30,000ރ. (ތިރީސް ހާސް ރުފިޔާ) އަދި 35,000ރ. (ތިރީސް ފަސް ފާސް ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 360,000ރ. (ތިން ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) އަދި 840,000ރ. (އަށް ލައްކަ ސާޅީސް ހާސް ރުފިޔާ)

ޑރ. ހައިދަރު ވަނީ ނޮވެމްބަރު 17, ގައި ރައީސް އެކުލަވާލެއްވި ކެބިނެޓުގެ މިނިސްޓްރީ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓުގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.

މިނިސްޓްރީ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓުގެ މަގާމަށް އައްޔަން ކުރެއްވި ޑރ.އަލީ ހައިދަރަށް ލިޔުން ހަވާލުކުރައްވަނީ

އައިސީޓީ ކޮންސަލްޓަންސީ

ހަވާލުކުރި ފަރާތް: ހުސައިން ޒީނީ

މަސައްކަތް: އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންސީ ދިނުން

ހަވާލުކުރި ތާރީހު: އޮގަސްޓު 22, 2021

މުއްދަތު ހަމަވާ ތާރީހު: ސެޕްޓެމްބަރު 20, 2023

މަހު ފީ: 37,500ރ. (ތިރީސް ހަތް ހާސް ފަސްސަތޭކަ ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 937,500ރ. (ނުވަ ލައްކަ ތިރީސް ހަތް ހާސް ފަސްސަތޭކަ ރުފިޔާ)

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ނޮވެމްބަރު 29, ގައި އޭނާއަށް ވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަނުކޮށްފަ އެވެ.

ބިމާބެހޭ ކަންކަމުގައި ކޮންސަލްޓަންސީ ދިނުން

ހަވާލުކުރި ފަރާތް: އަބްދުالله އަބްދުލް ހަކީމް

މަސައްކަތް: ވައިޓަލް އެންޑް ލޭންޑް ބިލްޑިން ސެކްޝަނަށް ބޭނުންވާ އުސޫލު އަދި ބިމާބެހޭ

ހަވާލުކުރި ތާރީހު: މާޗު 1, 2023

މުއްދަތު ހަމަވާ ތާރީހު: ފެބްރުއަރީ 28, 2025

މަހު ފީ: 45,000ރ. (ސާޅީސް ފަސް ހާސް ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 1,080,000ރ. (އެއް މިލިއަން އައްޑިހަ ހާސް ރުފިޔާ)

މެނޭޖުމަންޓް ކޮންސަލްޓަންސީ

ހަވާލުކުރި ފަރާތް: ހަސަން ޒަރީރު

މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)

ހަވާލުކުރި ތާރީހު: އޮގަސްޓު 22, 2021

މުއްދަތު ހަމަވާ ތާރީހު: އޮގަސްޓު 21, 2024

މަހު ފީ: 35,000ރ. (ތިރީސް ފަސް ހާސް ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 1,260,000ރ. (އެއް މިލިއަން ދެ ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ)

މި ސަރުކާރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ނޮވެމްބަރު 23, ގައި ރައީސް މުއިއްޒު ވަނީ ހަސަން ޒަރީރު އެ ބޯޑަށް އައްޔަނުކޮށްފަ އެވެ.

ފައިނޭންޝިއަލް ކޮންސަލްޓަންސީ

ހަވާލުކުރި ފަރާތް: މުހައްމަދު ޝާހިދު

މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)

ހަވާލުކުރި ތާރީހު: ސެޕްޓެމްބަރު 1, 2021

މުއްދަތު ހަމަވާ ތާރީހު: އޮގަސްޓު 31, 2024

މަހު ފީ: 30,000ރ. (ތިރީސް ހާސް ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 1,080,000 (އެއް ލައްކަ އައްޑިހަ ހާސް ރުފިޔާ)

ސިޓީ ކައުންސިލުގެ ފޮޓޯ ނެގުން

ހަވާލުކުރި ފަރާތް: އެލީޒް އަލީ މުހައްމަދު

މަސައްކަތް: ސިޓީ ކައުންސިލުގެ އަތަމަނަ މަޖައްލާ އާއި އިވެންޓުތަކާއި ބައްދަލުވުންތަކުގެ ފޮޓޯ ނެގުމުގެ ހިދުމަތް ދިނުން

ހަވާލުކުރި ތާރީހު: އޮގަސްޓު 1, 2022

މުއްދަތު ހަމަވާ ތާރީހު: ޖުލައި 31, 2023

މަހު ފީ: 25,000ރ. (ފަންސަވީސް ހާސް ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 300,000ރ. (ތިން ލައްކަ ރުފިޔާ)

ރިޕޯޓު ތައްޔާރު ކުރުމާއި 'އެކި ލިޔުންތައް' ލިޔުމަށް

ހަވާލުކުރި ފަރާތް: ޖީ ސެވެން ހޯލްޑިންސް

މަސައްކަތް: ރިޕޯޓު ތައްޔާރު ކުރުމާއި, ލީފްލެޓް ތައްޔާރު ކުރުން އަދި އެކި ލިޔުންތައް ލިޔެދިނުން

ހަވާލުކުރި ތާރީހު: ފެބްރުއަރީ 1, 2022

މުއްދަތު ހަމަވާ ތާރީހު: ޖެނުއަރީ 31, 2025

މަހު ފީ: 18,000ރ. (އަށާރަ ހާސް ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 648,000ރ. (ހަ ލައްކަ ސާޅީސް އަށް ހާސް ރުފިޔާ)

އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ދަފްތަރުން އެނގޭ ގޮތުގައި މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ޒުލައިހާ އިބްރާހިމް (އައްޔަނުކުރީ: އެޕްރީލް 29, 2019) އާއި އަލީ ނަސީރު (އައްޔަނުކުރީ: ނޮވެމްބަރު 19, 2023) ގަ އެވެ.

މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް މަސައްކަތް ރާވައި ހިންގައިދިނުން

ހަވާލުކުރި ފަރާތް: އަހްމަދު ފަޒާލް ހުސައިން

މަސައްކަތް: މާލެ ސިޓީ ކައުންސިލުގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަން މަސައްކަތް ރާވައި ހިންގައިދިނުން.

ހަވާލުކުރި ތާރީހު: ނޮވެމްބަރު 1, 2023

މުއްދަތު ހަމަވާ ތާރީހު: އޮކްޓޯބަރު 31, 2023

މަހު ފީ: 35,000ރ. (ތިރީސް ފަސް ހާސް ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 420,000ރ. (ހަތަރު ލައްކަ ވިހި ހާސް ރުފިޔާ)

ސިޓީ ކައުންސިލުން ހިއްސާކުރި މައުލޫމާތު ކަރުދާހުގައި ތާރީހުތައް ދިމާނުވާތީ ހިސާބު ހަދާފައިވާނީ އެ ކޮންޓްރެކްޓްގެ މުއްދަތަކީ އެއް އަހަރު ދުވަސް ކަމަށް ބަލައިގެންނެވެ.

ފަޒާލްއަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓުކަން ވެސް ފުރުއްވި ބޭފުޅެކެވެ.

އެޑްމިނިސްޓްރޭޓިވް ކޮންސަލްޓަންސީ

ހަވާލުކުރި ފަރާތް: އާމިނަތު ނާސިހާ

މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)

ހަވާލުކުރި ތާރީހު: އޮކްޓޯބަރު 10, 2021

މުއްދަތު ހަމަވާ ތާރީހު: އޮކްޓޯބަރު 9, 2024

މަހު ފީ: 19,500ރ. (ނަވާރަ ހާސް ފަސްސަތޭކަ ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 702,000 (ހަތް ލައްކަ ދެ ހާސް ރުފިޔާ)

ރޯޑް ޕްރޮޖެކްޓު ކޮންސަލްޓަންސީ

ހަވާލުކުރި ފަރާތް: އަހްމަދު މަމްދޫހު

މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)

ހަވާލުކުރި ތާރީހު: އޮކްޓޯބަރު 6, 2021

މުއްދަތު ހަމަވާ ތާރީހު: އޮކްޓޯބަރު 5, 2024

މަހު ފީ: 37,500ރ. (ތިރީސް ހަތް ހާސް ފަސްސަތޭކަ ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 1,350,000ރ. (އެއް މިލިއަން ތިން ލައްކަ ފަންސާސް ހާސް ރުފިޔާ)

ސިވިލް އިންޖިނިއަރިން ކޮންސަލްޓަންސީ

ހަވާލުކުރި ފަރާތް: މުހައްމަދު ދިލްޝާން އަބްދުالله

މަސައްކަތް: (މަސައްކަތުގެ އިތުރު ތަފްސީލެއް ނެތް)

ހަވާލުކުރި ތާރީހު: ޖުލައި 18, 2022

މުއްދަތު ހަމަވާ ތާރީހު: ޖުލައި 17, 2023

މަހު ފީ: 45,000ރ. (ސާޅީސް ފަސް ހާސް ރުފިޔާ)

ކޮންޓްރެކްޓުގެ އަގު: 540,000ރ. (ފަސް ލައްކަ ސާޅީސް ހާސް ރުފިޔާ)

މި ސަރުކާރުގެ މިނިސްޓްރީ އޮފް ހައުސިން, ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ނޮވެމްބަރު 21, ގައި އޭނާ ވަނީ އައްޔަނުކޮށްފަ އެވެ.

މިނިސްޓާ އޮފް ދިވެހި ލޭންގުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖުގެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން އާދަމް ނަސީރު އިބްރާހިމަށް ހަވާލުކުރައްވަނީ

މާލެ ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި ބަހަވީ ހިދުމަތްތަކާ ބެހޭ ކޮންސަލްޓަންޓާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެ އެވެ. އެހެން ނަމަވެސް މި ސަރުކާރުގެ މިނިސްޓާ އޮފް ދިވެހި ލޭންގުއޭޖް, ކަލްޗާ އެންޑް ހެރިޓޭޖުގެ މަގާމަށް އާދަމް ނަސީރު އިބްރާހިމް އައްޔަން ކުރެއްވުމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ އޭނާ އެކައުންސިލަށް ކޮންސަލްޓަންޓްގެ ގޮތުގައި ކޮށްދީފައިވާ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.