ނާއިޝް ހޯދުމުގައި އިންޑިއާގެ އެއާކްރާފްޓުތަކުގެ ބަދަލުގައި ބޭނުންކުރަނީ އޭވިއޭޝަން އެކެޑަމީގެ މަތިންދާ ބޯޓެއް. މިއީ މިގޮތަށް އޭވިއޭޝަންގެ ބޯޓެއް ބޭނުންކުރާ ފުރަތަމަ ފަހަރު

އައްޑޫގައި ރައްޓެހިންތަކަކާ އެކު އިހި ނަގަން މޫދަށް ފޭބި ފަހުން މުހައްމަދު ނާއިޝް ހަބަރެއް ނުވެގެން ރިޕޯޓުކުރަން އޭނާގެ ރަހުމަތްތެރިޔާ ކޮމާންޑު ސެންޓަރަށް އަރާފައިވަނީ ފަތާފައި ގޮސްކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރު ކާނަލް މުހައްމަދު ޖަމްޝާދު ވިދާޅުވީ ރޭގެ ހާދިސާ ރިޕޯޓުކޮށްފައިވަނީ އެވަގުތު ނައީޝް އާއެކު، މޫދުގައި އުޅުނު މަރަދޫއަށް ނިސްބަތްވާ މުހައްމަދު ޝިމާން ފަތާފައި ގޮސް ސަދަން އޭރިއާ ކޮމާންޑަށް އަރައި ކަމަށެވެ.

ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން މޫދަށް އެރި އުޅެނިކޮށް ގެއްލިފައިވަނީ މުހައްމަދު ނާއިޝް ،18، އެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭގެ 22:10 ހާއިރު އެވެ، ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެކެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ވައިގެމަގުން ވެސް ކުރިއަށް ގެންދިޔުމަށް، ދިވެހި ސިފައިން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ދަނީ ބޭނުންކުރަމުންނެވެ.

ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ އެމްއެންޑީއެފުން ނާއިޝް ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ.

އެ ސަރަހައްދުގެ ބޮޑު ބައެއް ބަލަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެކްސްގައި އޭވިއޭޝަން އެކަޑަމީން ވަނީ އާންމުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި މިފަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ވެސް ބޭނުންކުރަމުން އައީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓެވެ. އެހެންވެ މިއީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި ކަނޑަށް ގެއްލުނު ކުއްޖަކު ހޯދުމުގެ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ނައީޝާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން އެދެ އެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށްވަނީ އެދިފަ އެވެ.