ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ ޖެހިފައި ހުރި ބިދޭސީއަކު ހުޅުމާލެއިން ފެނިއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރޭންޓް ފެއާގައި ޓެސްޓްކުރެވުނު 13 ބިދޭސީންގެ ތެރެއިން އެކަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިާ ކަމަށެވެ.

މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން އަންނަނީ ބަލަމުންނެވެ. ހުޅުމާލެއިން ފައިލޭރިއާގެ ކޭހެއް ފެނިފައިވާ އިރު، މިމަހު ކުރީކޮޅު ކުޅުދުއްފުށިން ސިޓީންވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފަ އެވެ. އެ ސިޓީން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 25 މިހާރު ވަނީ އަރާފަ އެވެ. މިހާތަނަށް މި ބަލި ފެނިފައިވަނީ ބިދޭސީންގެ ގައިންނެވެ.

ރާއްޖެއިން ފައިލޭރިއާގެ ކޭސްތަކެއް ފެނިފައި މިވަނީ 2020 ވަނަ އަހަރު ބިދޭސީން މެޑިކަލް ޗެކަޕް ނުހަދައި ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާ ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީން ބުނީ ފައިލޭރިއާ ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް ރާއްޖޭގައި އެބަހުރި ކަމަށެވެ. ނަމަވެސް ފައިލޭރިއާ އަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާތީ ބޭހުގެ އިތުރު ސްޓޮކް ބޭނުންވާ ކަމަށެވެ.

ފައިލޭރިއާއަކީ ބަލި ޖައްސާ ފަންޏެއްގެ (ޕްރެސައިޓް) ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ. މި ޕެރެސައިޓުގެ ސަބަބުން ހަށިގަނޑުގެ ލިމްފެޓިކް ސިސްޓަމަށް އަސަރުކުރެއެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެ އެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، އެންމެ އާންމުކޮށް މި އައިބުކަން ފެންނަނީ އަތާއި ފައިން ކަން ފާހަގަކޮށްލަންޖެހެ އެވެ.

މި ޖައްސާ ޖަރާސީމު ފެތުރެނީ މަދިރީގެ ޒަރީއާއިންނެވެ. އަދި އާއްމުކޮށް ފެތުރެނީ ކިއުލެކްސް ނަމަކަށްކިޔާ މަދިރީގެ ޒަރީއާއިންނެވެ.