މާލެ ސަރަހައްދުން ފައިލޭރިއާ ބަލި ޖެހުނު މީހުންގެ އަދަދު 7 އަށް އިތުރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މާލެ ސަރަހައްދުން ފައިލޭރިއާ ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން ފަސް މީހުންނާއި ގުޅިފަޅުން އެކަކު އަދި މާލެއިން އެކަކު ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުން 89 މީހަކު މިހާތަނަށް ފައިލޭރިއާ ބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 82 މީހަކު ނެގެޓިވް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މި ބައްޔަށް ރާއްޖެއިން މިހާތަނަށް 32 ބިދޭސީއަކު ޕޮޒިޓިވްވި ނަމަވެސް އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެެއިން އެންމެ ގިނަ ބަޔަކު ފެނިފައި ވަނީ ހދ. ކުޅުދުއްފުށިންނެވެ. އެ ރަށުން އެކަނި 25 ބިދޭސީން ޕޮޒިޓިވްވެފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ބުނީ އެންމެ ފުރަތަމަ މި ބަލި ފެނުނު ކުޅުދުއްފުށިން 155 ދިވެހިން ޓެސްޓްކޮށްފައިވާ ކަމަށެވެ.

މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާގެ ބިހާރުގެ 18 މީހަކާއި އުއްތަރަ ޕްރަދޭޝްގެ 10 މީހަކާއި ޓެމިލްނާޑޫގެ އެކަކާއި ގޯޕާލްގަންޖުގެ އެކަކާއި ބަންގްލަދޭޝްގެ ދެ މީހުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

އެ އެޖެންސީން ބުނީ ފައިލޭރިއާ ބައްޔަށް މިހާތަނަށް ބޭސްދީ ފަރުވާ ދެމުން އަންނަނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ކަމަށެވެ.

ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ މި ބަލި ފެނުމާ ގުޅިފައި ވަނީ 2020 ވަނަ އަހަރުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމެއް ނެތި ރާއްޖެ އަށް ބިދޭސީން އެތެރެކުރަން ފެށުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.