އިންޑިއާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ކެމިކަލް އުފުލާ ޓޭންކަރަކަށް ހަމަލާ ދީފި އެވެ.

"އެމްވީޕްލޫޓޯ" ގެ ނަން ދީފައިވާ މި ބޯޓަށް ހަމަލާ ދީފައި ވަނީ އިންޑިއާގެ ހުޅަނގު ދެކުނުގައި އޮންނަ ވޭރާވަލްގެ އައްސޭރިފަށާ 200 ވަރަކަށް ކިލޯމީޓަރު ދުރުން ދަތުރު ކުރަނިކޮށެވެ. އެ އުޅަނދަށް ހަމަލާ ދީފައި ވަނީ ޑްރޯނެއް ބޭނުންކޮށްގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި އުޅަނދަކީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލަށް ވާގިވެރިވާ ބޯޓެކެވެ.

މި ބޯޓަށް ހަމަލާ ދިނީ ކޮން ބައެއް ކަން ސާފު ނުވާ އިރު، ޔަމަންގައި ހަރަކާތްތެރިވަމުން އަންނަ ހޫތީ ހަނގުރާމަވެރިން ދަނީ ރަތް ކަނޑުގެ ސަރަހައްދުގައި އިޒްރޭލަށް ވާގިވެރިވާ ބޯޓުތަކަށް ހަމަލާތައް ދެމުންނެވެ.

ނަމަވެސް އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި އެ ބޯޓަށް ހަމަލާ ދިނީ އީރާނުންނެވެ. އަދި ޑްރޯން ހަމަލާގައި ބޭނުންކޮށްފައި ވަނީ އީރާނުން އުފައްދާފައިވާ ޑްރޯނެއް ކަމުގައި ވެސް އެމެރިކާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.

ހަމަލާ އަމާޒުވި ބޯޓަކީ ލައިބީރިޔާގެ ދިދައިގެ ދަށުން ދަތުރުކުރާ ޖަޕާނުގެ އުޅަނދެކެވެ. އަދި އެ އުޅަނދު އޮޕަރޭޓް ކުރަނީ ނެދަރލެންޑްސްގެ ކުންފުންޏަކުންނެވެ. މި ހަމަލާގެ ސަބަބުން ބޯޓުގެ ބައެއްގައި އަލިފާން ރޯވި އިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމުތަކާ ދެކޮޅަށް ރައްދު ދިނުމުގެ ގޮތުން ހޫތީ ހަނގުރާމަވެރިން މިދިޔަ މަހު ވަނީ މުދާ އުފުލާ ބޮޑު އާގުބޯޓަކާއި ތެޔޮ ޓޭންކަރެއް ހައިޖެކްކޮށްފަ އެވެ. އޭގެ އިތުރުން ރަތް ކަނޑުގައި ދަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން އިސްރާއީލަށް ވާގިވެރިވާ ބޯޓުތަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ.

ހޫތީން ވަނީ ރަތް ކަނޑުގެ ސަރަހައްދުން އިސްރާއީލްގެ އެއްވެސް އުޅަނދެއް ދަތުރު ކުރާ ނަމަ، އެއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރިއަށް ގެންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 20،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.