މި އަހަރު ނިންމުމަށް ވެސް ފޯރިގަދަ ގިނަ ފުޓްބޯޅަ މެޗުތަކެއް ކުޅެވިގެންދާއިރު މި ހުރިހާ މެޗުތަކެއް މީޑިއާނެޓުން ފެނިގެންދާނެ ކަމަށް އެ ކުފުންނިން ހާމަކޮށްފި އެވެ.

މީޑިއާ ނެޓުން ބުނީ ގިނަ އަހަރުތަކަކަށް ފަހު 2023 ވަނަ އަހަރުގެ ފަހު ދުވަސްތަކަކީ އިނގިރޭސި ފުޓުބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ފޯރިން ފުރިގެންވާ ދުވަސްތަކަކަށް ވެގެންދާނެ ކަމަށެވެ. އެހެން އަހަރުތަކެކޭ ޚިލާފަށް އިނގިރޭސި ޕްރިމިއާ ލީގުގައި ގިނަ މެޗުތަކެއް 26 ޑިސެމްބަރުން ފެށިގެން ކުޅެވިގެންދާނެ އެވެ. އަހަރު ނިމިގެންދާނީ 6 ދުވެހުގެ ތެރޭގައި 18 މެޗު ކުޅެވިގެންނެވެ. ހަމައެއާއެކު 1 ޖަނަވަރީގައި އާ އަހަރަށް އެއްދުވަހުގެ މެދުކެނޑުމެއް އައުމަށްފަހު އަނެއްކާވެސް 2 އަދި 3 ޖަނަވަރީގައި މެޗުތައް އޮންނާނެ އެވެ. މި ހުރިހާ މެޗުތަކެއް ވަގުތުން މީޑިއާނެޓުގެ ޗެނަލްތައް މެދުވެރިކޮށް ބެލޭނެ އެވެ.

26 ޑިސެމްބަރު

ޖުމްލަ 04 މެޗު މި ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މި ވަގުތު އިނގިރޭސި ލީގު ޓޭބަލްގެ ގަދަ ފަހެއްގައި އުޅޭ ނިއުކާސަލް ޔުނައިޓަޑް އަދި ލިވަޕޫލްގެ މެޗުތައް މިދުވަހު އޮންނާނެ އެވެ. ނިއުކާސަލް ޔުނައިޓެޑް، ނޮޓިންގްހަމް ފޮރެސްޓް އާއި ދެކޮޅަށް އެދުވަހުގެ ހަވީރު 05:30 ގައި ނިކުންނައިރު ލިވަޕޫލް އަދި ބާންލީގެ މެޗު އޮންނާނީ އެރޭ 10:30 ގައެވެ. މީގެ އިތުރުން ފުލްހަމް – ބޯންމައުތު އަދި ޝެފިލްޑް ޔުނައިޓެޑް – ލުޓަން ޓައުންގެ މެޗުވެސް މި ދުވަހު އޮންނާނެ އެވެ.

27 ޑިސެމްބަރު

މި ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ޓޭބަލްގެ އުސްފަޅީގައި ވާދަކުރަމުންދާ އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރު މެންޗެސްޓަ ޔުނައިޓެޑް އަދި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ޓޭބަލްގެ މަތީ މަގާމެއްގައި އޮތް އެސްޓަން ވިލާ އެވެ. މި މެޗު އޮންނާނީ ދަންވަރު 01:00 ގަ އެވެ.

28 ޑިސެމްބަރު

މެޗު ފޯމް އަނބުރާ ހޯދަމުން އަންނަ ޗެލްސީ މި ދުވަހު ބައްދަލުކުރާނީ ދަންވަރު 00:30 ގައި ކްރިސްޓަލް ޕެލެސްއާ އެވެ. ހަމަ މިގަޑީގައި ބްރެންޓްފޮޑް އަދި ވުލްވްސް ވެސް ބައްދަލުކުރާނެ އެވެ. 01:15 ގައި ޗެމްޕިއަން މެންޗެސްޓަ ސިޓީ ބައްދަލުކުރާނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ކުޅެމުން އަންނަ އެވަޓަން އާ އެވެ.

29 ޑިސެމްބަރު

މިއީ ބޮޑު ދެ މެޗު ކުޅެވިގެންދާނެ ދުވަހެކެވެ. ފާއިތުވި އަހަރުތަކުގައި ވާދަވެރިކޮށް ފެނުނު ބްރައިޓަން އަދި ޓޮޓްނަމް ހޮޓްސްޕާޒްގެ މެޗު 00:30 ގައި އޮންނަ އިރު ޓޭބަލްގެ އެންމެ ކުރީގައި އޮތް އާސެނަލް އަދި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވެސްޓް ހާމް 01:15 ގައި ބައްދަލުކުރާނެ އެވެ.

30 ޑިސެމްބަރު

ޖުމްލަ ފަސް މެޗު މިދުވަހު ކުޅޭނެ އެވެ. އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑެތި ޓީމުތައް ކަމުގައިވާ ޗެލްސީ، މެންޗެސްޓަ ސިޓީ އަދި މެންޗެސްޓަ ޔުނައިޓެޑުގެ މެޗުތައް މި ދުވަހުގެ 20:00 އިން ފަށައިގެން ކުޅޭނެ އެވެ. މި ދުވަހުގެ ގިނަ މެޗުތަކުގައި ޕޮއިންޓް ޓޭބަލްގެ މަތީ ފަންތީގެ ޓީމުތަކާއި އެންމެ ފުލުގައި އޮތް ޓީމުތައް ބައްދަލުކުރަން ޖެހުމީ، ގިނަ ގޯލުތަކެއް ފެނިގެންދާނެކަމަށް ލަފާ ކުރެވޭ ސަބަބެކެވެ.

31 ޑިސެމްބަރު

އަހަރުގެ ފަހު ދުވަހު އާސެނަލް ބައްދަލުކުރާނީ ފުލަމްއާ އެވެ. މި ނިމޭ 2023 ވަނަ އަހަރު ޓޭބަލްގެ އެއްވަނަ ޓީމުގެ ގޮތުގައި ނިންމާލުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އެ ދުވަހު 19:00 ގައި މި މެޗު ކުޅޭއިރު ހަމަ މި ގަޑީގައި ޓޮޓްނަމް އަދި ބޯންމައުތް ވެސް ބައްދަލުކުރާނެ އެވެ.

މި ފެށޭ 2024 ވަނަ އަހަރު، 02 ޖަނަވަރީގައި ލިވަޕޫލް އަދި ނިއުކާސަލްގެ ވަރުގަދަ ކުރިމަތިލުމެއް އޮންނާނެ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް ދެ ޓީމަށް ވެސް މޮޅުވުން މުހިއްމު މެޗެކެވެ. ޓޭބަލްގެ ކުރީގެ މަގާމުތަކުގައި އުޅޭ ބްރައިޓަން އަދި ވެސްޓްހަމްގެ މެޗު އޮންނާނީ 03 ޖަނަވަރީގެ 00:30 ގަ އެވެ.

މީޑިއާނެޓުން އަޕްގްރޭޑް އެންޑް ވިންގެ ނަމުގައި 31 ޑިސެމްބަރުގެ ނިޔަލަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންކަން ވެސް ފާހަގަކޮށްލެވެ އެވެ. ސަބްސްކްރައިބް ކުރައްވާ މީޑިއާނެޓު ޕެކޭޖު އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޚާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އައިފޯން 15 ޕްރޯ މޯބައިލް ފޯނު، ޓީސީއެލް 55 އިންޗީގެ ޓީވީ އަދި ސެމްސަންގް ސައުންޑްބާ ސިސްޓަމް ހިމެނެ އެވެ.