މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް ހިންގަން ނަގަމުން އަންނަ އިދާރީ ފީ ކުޑަކުރުމަށް ނިންމައިފި އެވެ.

ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ޕެންޝަން ސްކީމް ހިންގުމަށް ނަގާ އިދާރީ ފީ ކުޑަކުރަން ޕެންޝަން ބޯޑުން ނިންމި ނިންމުން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފަ އެވެ.

ޕެންޝަން އޮފީހުން ބުނީ އަންނަ މަހުން ފެށިގެން މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް ހިންގުމަށް ނަގާނީ 0.5 އިންސައްތަ ކަމަށެވެ. މިހާރު އަހަރަކަށް ނަގަމުން އަންނަނީ 0.6 އިންސައްތަ އެވެ. އަދި ޕޯސްޓް ރިޓަޔަމަންޓް ފަންޑުތަކުން ނަގާނީ 0.3 އިންސައްތަ ކަމަށް ޕެންސަން އޮފީހުން ބުނެ އެވެ.

ޕެންޝަނަކީ އެމީހަކު އުމުރުން ދުވަސްވުމުން ނުވަތަ ރިޓަޔަވުމަށް ފަހުގައި ބޭނުންކުރުމަށް އެއްކުރާ ފައިސާ އެވެ. އަދި އާމްދަނީއެއް ނުލިބޭ އުމުރުން ދުވަސްވީ މީހުންނަށް ދަޢުލަތުންދޭ ފައިސާ ވެސް މީގެތެރޭގައި ހިމެނެ އެވެ.

ރާއްޖޭގައި ޕެންޝަން އޮފީސް އުފައްދާފައިވަނީ، 2009 ވަނަ އަހަރު ޕެންޝަނާބެހޭ ޤާނޫނު ތަޞްދީގު ކުރެއްވުމާ ގުޅިގެންނެވެ.