ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމާއި ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތް ގޮތަށް ފާޅު ކުރުމުގެ މިނިވަން ކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

އަދި ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަން ކަން ހިމެނޭ ކަމަށް ބަޔާންކޮށްފައި ވަނިކޮށް އޮންލައިންކޮށް ހަބަރާއި މައުލޫމާތު ފަތުރަމުން ދިޔަ ބައެއް ވެބްސައިޓުތަކަށް ރާއްޖެ އިން ނުވަދެވޭ ގޮތަށް ބްލޮކް ކުރަމުންދާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

"ސަރުކާރުގެ މި އަމަލަކީ ގާނޫނުއަސާސީއާ ހިލާފު، ރައްުޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އަދި ނޫސްވެރިންނަށާއި ނޫސްތަކަށާއި ޖުމްލަ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ދީފައިވާ އިންޒާރެއްގެ ގޮތުގައި ދެކޭތީ އަދި ޑިމޮކްރަސީއާ ބީރައްޓެހި މި އަމަލުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި އެތައް އަހަރެއް ސޮއްސާލައިގެން ދާ ފަދަ ބިރުވެރި ނިންމުމެއްގެ ގޮތުގައި މިކަން ސިފަ ކުރެވޭ،" ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

އެހެންވެ، ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށާއި ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެ އެވެ.

މި ސަރުކާރުގެ އެދުމަށް މި މަހުގެ 21 ވަނަ ދުވަހު ވަނީ "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް ނުވަދެވޭ ގޮތް ހަދައި ބްލޮކްކޮށްފަ އެވެ. އެ ދެ ވެބްސައިޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނަށް ފާޑު އެކި ހަބަރުތައް ގެނެސްދެމުން އައި ދެ ނޫހެވެ. އެ ދެ ނޫހަށް ފަހު، "ފުރަތަމަ.ކޮމް" ކިޔާ ރަޖިސްޓްރީ ކޮށްފައިވާ ނޫހެއް ވެސް ބްލޮކް ކުރި އެވެ. އެކަމަކު، ފަހުން ވަނީ އެ ނޫހަށް ވަދެވޭ ގޮތް ހަދައިފަ އެވެ.