ދުނިޔޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ހަނދަށް ދާ އަންހެނަކަށް އެމެރިކާގެ އެސްޓްރޮނޯޓެއް ކަމަށްވާ ކްރިސްޓީނާ ކޮޗް ހަމަޖެހިއްޖެ އެވެ.

ކްރިސްޓީނާ ހަނދަށް ދާން ހަމަޖެހިފައިވަނީ 50 އަހަރަށްފަހު 2024 ވަނަ އަހަރު އޮންނަ ނާސާގެ ހަނދުގެ މިޝަންގައި ބައިވެރިވާ ހަތަރު އެސްޓްރޮނޯޓުންގެ ތެރޭގައި ހިމެނިގެންނެވެ.

އެމެރިކާގެ މިޗިގަންއަށް އުފަން ކްރިސްޓީނާއަކީ އެންމެ ކުޑައިރުއްސުރެ ވެސް އެސްޓްރޮނޯޓަކަށް ވާން ބޭނުންވި ކުއްޖެކެވެ. އެގޮތުން 1997 ވަނަ އަހަރާ ހަމައަށް ސައިންސްއާއި މެތަމެޓިކްސްގެ ރޮނގުން އޭނާ މަތީ ތައުލީމް ހާސިލްކުރި އެވެ.

އެއާއެކު 2001 ވަނަ އަހަރު ނާސާއިން ބޭއްވި ނާސާ އެކަޑަމީ ޕްރޮގްރާމްގައި ބައިވެރިވެ 2013 ވަނަ އަހަރު އެ އިދާރާއިން ހޮވި އެސްޓްރޮނޯޓުންގެ ތެރޭގައި ކްރިސްޓީނާ ހިމެނުނެވެ.

1969 ވަނަ އަހަރު އިންސާނުން އެންމެ ފުރަތަމަ ހަނދަށް ދިޔަ ދުވަހުން ފެށިގެން ވެސް ފަލަކީ އިލްމުގެ ދާއިރާގައި ބޮޑަށް ހިއްސާވަނީ ފިރިހެނުންނެވެ.

އެހެން ނަމަވެސް ކްރިސްޓީނާއަށް މިލިބުނު ޝަރަފުވެރި ފުރުސަތަކީ މި ދާއިރާއަށް ވަންނަން ބޭނުންވާ އަންހެން ކުދިންނަށް ލިބޭނެ ހިތްވަރެއް ކަމުގައި މާހިރުން ބުނެ އެވެ.