ބޮލީވުޑްގެ ކާމިޔާބު ފިލްމު ފްރެންޗައިޒް "ދޫމް"ގެ ހަތަރުވަނަ ބަޔަށް މަޝްހޫރު ތަރި ޝާހްރުކް ޚާން ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދޫމް 4ގެ މުހިއްމު ރޯލަކަށް ޝާހްރުކް ޚާން ހަމަޖެހިފައިވާއިރު، އެކަން ރަސްމީކޮށް އިއުލާން ކުރާނީ މިއަހަރުގެ ކުރީކޮޅުގަ އެވެ.

"ދޫމް"ގެ ކުރީގެ ފިލްމުތަކުގެ ބަތަލުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ރިތިކް ރޯޝަންއާއި އާމިރު ޚާން އެވެ. އެ ތަރިންގެ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެ އެވެ.

ދޫމް 4ގެ ލީޑު ރޯލަށް ޝާހްރުކް ޚާން ހަމަޖެހިއްޖެނަމަ އެ ފިލްމު ވެގެންދާނީ ބޮކްސްއޮފީހުގެ ރެކޯޑުތައް މުގުރާލާ ފިލްމަކަކަށް ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.

ޝާހުރުކް ޚާން މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޑަންކީ"އަށް ލިބެމުން އަންނަ ކާމިޔާބީ ފާހަގަ ކުރަމުންނެވެ. ދިހަ ދުވަހުގެ ތެރޭގައި އެ ފިލްމަށް ވަނީ 400 ކްރޯޑް ރުޕީސް ލިބިފަ އެވެ.