ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފަސް ރަށަކަށް ގެއްލުން ލިބިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުކޮށްފި އެވެ.

އެންޑީއެމްއޭ އިން ބުނީ ވިއްސާރާގައި ގެއްލުން ލިބުނުކަމުގެ ރިޕޯޓުތައް ފ. ނިލަންދު އާއި ކ. ގުރައިދު އާއި ލ. ގަމާއި އެ ރަށާ ގުޅިފައި އޮންނަ ފޮނަދޫ އަދި އައްޑޫ މަރަދޫ އިން ލިބިފައިވާ ކަމަށެވެ.

ފެން ބޮޑުވުމުން ސިފައިންނާއި ފުލުހުން އަދި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ގުރައިދުއަށެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި އެ ރަށުގެ 20 ގެއަކަށް ވަނީ ފެން ވަދެފަ އެވެ.

މީހުންނަށް ނޫޅެވޭ ވަރަށް ހަތް ގެއެއްގައި ފެން ބޮޑުވެފައިވާތީ، އެ ގެތަކުގައި ދިރިއުޅޭ މީހުން އެހެން ރަށް ރަށަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.