މިހާރު މާލެއަށް ކުރަމުންދާ ވިއްސާރާގައި ކްރިމިނަލް ކޯޓު ތެރެއަށް ފެން ވަދެ، އެ ކޯޓުގެ ސާވާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މަސައްކަތްތަކަށް ބުރޫ އަރައިފި އެވެ.

އިމާރާތް ވަރަށް ބޮޑަށް ބާވެ، ބޮލަށް ވެއްޓެން ކައިރިވެފައިވާ، ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅޫވީ ރެއިން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ކްރިމިނަލް ކޯޓުގެ ސީލިންގުން ފެންވަދެ ކޯޓުގެ ސާވާ އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

އެހެންވެ، އިންޓަނެޓުގެ ހިދުމަތް ވެސް ނުލިބި އިދާރީ ގޮތުން ކުރަން ހުރި ކްރިމިނަލް ކޯޓުގެ އެއްވެސް މަސައްކަތް މިއަދު ނުކުރެވިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި މިއަދު ބާއްވަން ޝެޑިއުލްކޮށްފައިވާ ހުރިހާ ޝަރީއަތްތައް ވެސް ކެންސަލްކޮށްފައިވާ ކަމަށާއި ނަމަވެސް ބަންދުގެ މުއްދަތު ޖެހުމުގެ މަޖިލިސްތައް ބާއްވަމުންދާ ކަމަށް ކޯޓުން ބުނެ އެވެ.

މީގެ ކުރިން ވެސް ވިއްސާރަ މޫސުމުގައި ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ ހިދުމަތަށް ބުރޫ އަރާފައިވެ އެވެ. ކޯޓުގެ ސާވާއަށް ނޫނީ ސާވާ ރޫމަށް ފެން ވަދެގެން މީގެ ކުރިން ވެސް އެ ދުވަހަކަށް ތަވާލުކުރި އަޑުއެހުންތައް ކެންސަލް ކުރަން ޖެހިފައި އެބަ ހުއްޓެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ މީގެ ކުރިން ވަނީ ކޯޓުގެ ތަނބެއްގެ ބައެއް ވެސް ވެއްޓިފަ އެވެ.