މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން އުފައްދަނީ ސަރުކާރުގެ 5 ކުންފުންޏެއް ހިއްސާއާ އެކު

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި ސަރުކާރުން އަލަށް އުފައްދާ ކުންފުންޏަށް މާލެ ސަރަހައްދުން 100 ހެކްޓަރުގެ ބިމެއް ދޭން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އާ ކުންފުނި އުފައްދަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ، އެމްޓީސީސީ ގުޅިގެން ކަމަށެވެ. އަދި އެ ކުންފުނީގެ ވިޔަފާރިތައް ފެށުމަށް ތިލަފުއްޓާއި ގުޅީފަޅު ބެލުމަށްފަހު އެންމެ އެކަށީގެންވާ ސަރަހައްދަކުން މަދުވެގެން 100 ހެކްޓަރުގެ ބިން ކަނޑައެޅުމަށް ވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މި ފަސް ކުންފުނި ޝާމިލުވާގޮތަށް އުފެއްދޭ މައި، ބޮޑު އެއް ކުންފުންޏެއްގެ ގޮތުގައި ފްރީ ޓްރޭޑް ޒޯނުތައް ގާއިމުކުރުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށަހެޅުމަށް ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވި އެވެ.

\

ކެބިނެޓް ބައްދަލުވުމުގެ ތެރެއިން...

މީގެ އިތުރުން ނާޒިމް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށްޓަކައި އުތުރުތިލަފަޅުން ބިން ކަނޑައަޅައި، އެކަމަށް ބޭނުންވާ އިންވެސްޓުމަންޓު ހޯދައި، އެ އިންވެސްޓުމަންޓުގެ ބޮޑު ހިއްސާ މި އުފައްދާ ކުންފުންޏަށް ދޭން ނިންމާފައިވާ ކަމަށެވެ.

އަދި މި ކުންފުނި އުފެއްދުމަށްފަހު، ސްޓްރެޓީޖިކް ޕާޓްނަރުންގެ ގޮތުގައި ޕްރައިވެޓް ޕަބްލިކް ޕާޓްނަޝިޕުގެ އުސޫލުން އިތުރު އިންވެސްޓްމަންޓަށް ފުރުސަތު ހޯދައި ދިނުމަށް ވަނީ ނިންމާފައިވާކަން ނާޒިމް ފާހަގަ ކުރެއްވި އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އަކީ ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއު އެޑްކުރުމާއި، ޓްރާންޝިޕްމަންޓް/ރިީއެކްސްޕޯޓް ވިޔަފާރިއަށް ހާއްސަކޮށް އުފައްދާ 100 ޕަސެންޓް ދިވެހި ކުންފުންޏެކެވެ.