މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ފަސް އަހަރުގެ ދައުރަކަށް ޑރ. އަބްދުލް ހަންނާން ވަހީދު އައްޔަންކުރައްވާފައި ވަނިކޮށް، ދައުރު ހަމަވުމުގެ މާކުރިން ކުއްލިއަކަށް ވަކިކުރައްވައި، އެމްކިއުއޭގެ ސީއީއޯ ކަމަށް މަސްލަހަތު ފުށުއަރާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެމްކިއުއޭގެ ސީއީއޯ ކަމަށް އައްޔަން ކުރައްވާފައި ވަނީ މި ސަރުކާރުގެ "ބްރޯ"އެއް ކަމަށް ބުނާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ފިޒާނާ ރަޝީދު އެވެ.

މުޅި އެމްކިއުއޭގެ ނިޒާމަކީ ދާއިރާގެ ތަޖްރިބާއާއި، އޮސްޓްރޭލިޔާ އިން ހާސިލުކުރެއްވި ދާއިރާގެ ޕީއެޗްޑީއަކާ އެކު، ޑރ. ހަންނާނުގެ އަމިއްލަ މަސައްކަތުން ބައްޓަންކޮށް ތައްޔާރުކުރައްވާފައިވާ ނިޒާމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފިޒާނާ އައްޔަން ކުރެއްވި އެވެ. އޭގެ ކުރިން ވެސް އެމްކިއުއޭގެ ޑިރެކްޓަ ޖެނެރަލް ކަމުގައި އަހަރެއެހާ ދުވަސް ހޭދަކުރެއްވި އެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްކިއުއޭ ފަދަ ތަފާތު ގިނަ މަސައްކަތް ކުރާ އިދާރާއެއް ރަނގަޅަށް ދަސްވެދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

އެނގިފައިވާ ގޮތުގައި، ފިޒާނާ އެމްކިއުއޭ ގައި އުޅުނު އިރު، ސަނަދުގެ ފެންވަރު ބެލުމާއި، ގަވާއިދުތައްކާއި، އުސޫލުތައް ހެދުން ފަދަ އެމްކިއުއޭގެ މުހިއްމު ބައެއް މަސައްކަތްތަކުގައި އުޅެފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ.

ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރާ އިދާރާގެ ސީއީއޯ ކަމަށް ފިޒާނާ އައްޔަންކުރެއްވި އިރު، އޭނާ އަކީ ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށްވެ އެވެ. އެހެންކަމުން ދުނިޔޭގެ ގައުމުތަކުގައި މަތީ ތައުލީމުގެ ނިޒާމު އޮންނަ ގޮތް ރަނގަޅަށް އެނގޭނެ ކަމާ މެދު ސުވާލު އުފެދެ އެވެ.

މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީގެ މާސްޓާސް ޑިގްރީއެއް ފިޒާނާ ހާސިލުކޮށްފައިވަނީ ރާއްޖޭގައި ހުރެގެން ވިލާ ކޮލެޖުން ކިޔަވައިގެންނެވެ. އެހެންކަމުން މި ފަދަ މުޅި ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ކަށަވަރުކުރާ ރެގިއުލޭޓަރީ އިދާރާގެ ސީއީއޯ އަކަށް ފިޒާނާ ކުފޫ ހަމަވޭ ތޯ ބައެއް މީހުން މިހާރު ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ.

މިކަން މިހެން އޮތް އިރު، އެމްކިއުއޭ ގެ ސީއީއޯ ކަމަށް ފިޒާނާގެ މަސްލަހަތު ފުށުއެރުމެއް އޮތް ކަން ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. އެއީ، ފިޒާނާ އަކީ، އެމްކިއުއޭ އިން ރެގިލޭޓްކުރާ ރާއްޖޭގެ ޔުނިވާސިޓީއެއް ކަމަށްވާ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ދާދި ފަހުން ޕީއެޗްޑީ އަށް ކިޔަވަން ފަށާފައިވާ ދަރިވަރެކެވެ. ރާއްޖޭގެ ޔުނިވާސިޓީއެއް ގައި ކިޔަވާ ދަރިވަރަކު، އެ ޔުނިވާސިޓީ ރެގިއުލޭޓްކުރާ އިދާރާގެ އެންމެ އިސް ވެރިޔަކަށް ލުމަކީ ވަރަށް ދެކޮޅުނުޖެހޭ ކަމެކެވެ. އަދި މިފަދަ ކަންތައްތަކަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަމުން ވެސް އަދި މިހާތަނަށް ފެނިފައިވާ ފަދަ ކަމެއް ނޫނެވެ.

ފިޒާނާގެ ކޮއްކޮ ފަޒުލްގެ އަތުގައި އޮތް އެމްބީއޭއަކީ ވެސް، ފުރަތަމަ އެމްކިއުއޭ އިން ގަބޫނުނުކުރުމުން ކޯޓަށް ގޮސްގެން ކޯޓުން ގަބޫލުކުރާ ނިންމައިގެން އެމްކިއުއޭ އިން ގަބޫލުކުރި ސަނަދެކެވެ.

އެނގިފައިވާ ގޮތުގައި، ފަޒުލު އަތުގައި އެ އެމްބީއޭގެ ކުރިން ހަދާފައިވާކަމަށް ބުނާ ޑިޕްލޮމާއަކީ ވެސް އެމްކިއުއޭ އަށް ގަބޫލުކުރެވޭ ފަދަ ސަނަދެއް ނޫނެވެ. އަދި ފަޒުލުގެ އެމްބީއޭ ގަބޫލުނުކުރުމަށް ފުރަތަމަ ނިންމުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް އެއީ އެވެ. އެހެންނަމަވެސް، ކޯޓުގައި މައްސަލަ ހިނގަމުން ދަނިކޮށް، އޭރުގެ އެމްއޭބީގެ ކަމާ ބެހޭ އިސްވެރިން ރާއްޖެއިން ބޭރުގައި ވަނިކޮށް، ކޯޓުގައި އެއްކޮޅުން ވަކާލާތުކޮށްގެން އެ އެމްބީއޭ އޮތް ތިން ހަތަރު މީހަކު އެ ކޭސް ކާމިޔާބުކުރީ އެވެ.

ފިޒާނާ ކުރިން ޑީންއަކަށް އުޅުއްވި އެމްއެންޔޫގައި މައްސަލަތަކެއް ދިމާވުމުން ކުއްލިއަކަށް ދަނޑިވަޅު ބަލާފައި އެމްކިއުއޭގެ ވަޒީފާއެއް ހޯދީ ކޮއްކޮގެ ސަނަދު ގަބޫލުކުރުމުގައި ދިމާވި ކަންތައްތަކުގެ ބަދަލުހިފުމަށް ތޯ ވެސް ބައެއް މީހުން ސުވާލު އުފައްދަ އެވެ.