މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ ޑިސެމްބަރު މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1،878،537 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ ސަރުކާރުން ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ހުސްވި ޑިސެމްބަރު މަހު އެވެ. ޑިސެމްބަރު މަހު ރާއްޖެ އަށް 194،690 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އާއި ރަޝިއާއިންނެވެ. މިއިން ކޮންމެ ގައުމަކުން 209،100 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ޗައިނާއިން މިދިޔަ އަހަރު 187،118 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 155،730 ފަތުރުވެރިން އައިސްފައިވެ އެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ފަސްވަނައިގައި އޮތް ޖަރުމަނުން 135،090 ފަތުރުވެރިން އައިސްފައިވާއިރު އިޓަލީން 118،412 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 176 ރިސޯޓާއި 809 ގެސްޓްހައުސް އާއި 146 ސަފާރީ އަދި 14 ހޮޓާ އޮޕަރޭޓް ކުރަމުންދިޔަ އެވެ.

މި އަހަރު ސަރުކާރުން އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.