ބިޑިން ޕްރޮސެސްއެއްގެ ތެރެއިން އެއްގަމު އުޅަނދުތަކުގެ ޑޮމެއިން ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަމީން ވިދާޅުވީ މި ސަރުކާރުން މިނިސްޓްރީއާ ހަވާލުވި އިރު، ޑޮމެއިން މަސައްކަތް އޮތީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށެވެ. ނަމަވެސް ޑޮމެއިން ވިއްކަން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ވަރަށް އަވަހަށް ބިޑިންގ ސިސްޓަމެއްގެ ދަށުން ފުރިހަމަ ނިޒާމެއް ގާއިމުކޮށްގެން ޑޮމެއިން ވިއްކުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެއްވެސް ބޭފުޅެއްގެ އަތުން ޑޮމެއިން ނެގުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭނެ ކަމަށާއި ނިޒާމުގެ ތެރެއަށް ނުފެތި ހުރި ޑޮމެއިންތައްވެސް ނިޒާމުގެ ނިޒާމުގެ ތެރެއަށް ފައްތަން މަސައްކަތް ކުރާނެ ކަމަށެވެ.

ކުރިޔަށް އޮތް ދެތިން މަސްތެރޭ ޒަމާނަށް ފެތޭ ގޮތަށް ބިޑިންގ ސިސްޓަމެއްގެ ދަށުން ޑޮމެއިން ދޫކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ބިޑިން ސިސްޓަމެއްގެ ތެރެއިން ޑޮމެއިން ވިއްކަން ތައްޔާރުވަމުންދާ އިރު، ޑޮމެއިން ވިއްކައިގެން ދައުލަތައް ލިބެންޖެހޭ ފައިސާ ނުލިބޭގޮތަށް ގަވާއިދާ ހިލާފަށް ޑޮމެއިންއާ ގުޅޭ މުއާމަލާތްތައް ކުރަމުން ގެންދާ މައްސަލަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެންމަތިވި އެވެ. އަދި ރައީސް އޮފީހުން ވަކި ގޮތެއް އަންގަން ދެން ޑޮމެއިންއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަމަށް ވެސް އެންގި އެވެ.