ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް އިންވެސްޓު ކުރަން ހުޅުވާލި ފުރުސަތުގައި ފުރަތަމަ ހުށައަޅާފައިވާ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުއާ ގުޅޭ ޕްރޮޕޯޒަލު އިންވެސްޓް ބޯޑުން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެސްއީޒެޑްގެ ދަށުން ލިބިފައިވާ ފުރަތަމަ ޕްރޮޕޯޒަލް ބޯޑް އޮފް އިންވެސްޓްމަންޓްސް އިން ދިރާސާކުރަން ފަށާފައިވާ ކަމަށާއި އެއީ 110 މެގަވޮޓުގެ ސޯލާ އަދި ބެޓެރީ ސްޓޯރޭޖްގެ މަޝްރޫއުއެއް ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރު 150 މިލިއަން ޑޮލަރުން 100 މިލިއަށް ޑޮލަރަށް ސަރުކާރުން ދާދިފަހުން ވަނީ ކުޑަކޮށްފަ އެވެ.

މީގެ އިތުރުން ވެސް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވާ ތެޔޮ ހޯދުން އަދި އިއާދަކުރަނިވި ހަކަތަ އުނިކޮށް އެ ލިސްޓަށް ވަނީ ކާނާގެ ކަށަވަރުކުރުމިގެ ބައި އިތުރުކުރައްވާފަ އެވެ. އަދި ހަމައެހެންމެ އެސްއީޒެޑްގެ ތެރެއިން ހިންގާ މަޝްރޫއުތަކާ ގުޅޭ ތަފްސީލުތައް ބޯޑް އޮފް އިންވެސްޓްމެންޓްގެ މަޝްވަރާއާ އެކު ކޮންމެ އަހަރެއްގެ ފެބްރުއަރީގެ ކުރިން ގަރާރަކުން އެކަން ހާމަކުރާނެ ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

އިގުތިސާދީ ސަރަހައްދުތަކުގައި މަޝްރޫއުތައް ހިންގޭނެ ދާއިރާތަކާއި މަޝްރޫއުތަކަށް އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރު، ކަނޑައެޅީ 2014 ވަނަ އަހަރު ފާސްކޮށް، އަމަލުކުރަން ފެށި އެސްއީޒެޑް ގާނޫނުގެ ދަށުންނެވެ.