މިދިޔަ ހޮނިހިރު ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓަށް ލިބުނު ގެއްލުމާ ގުޅިގެން އެ ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތްތައް ހުއްޓިފައި އޮތުމުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލައާ މެދު އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. މިމައްސަލަ ހައްލުކޮށްދެއްވައި، ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހަމަޖައްސަވައި ދެއްވުމުގެ ޒިންމާ ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން އަދާކޮށްދެއްވުމަށް ޕީޖީ ޝަމީމް އެދިލެއްވި އެވެ.
ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް މަޑުޖެހުނަސް، މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތައް އެއްކޮށް ހުއްޓާލުން ރަނގަޅު ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އެސްޓީއޯ ކުރީގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް ބޭނުންކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ ހުއްޓާލައިފަ އެވެ. އަދި އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިޔަސް، އެ މަސައްކަތް އަދިވެސް ނުނިމެ އެވެ.