މާލޭގައި ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކު ނުކުރުމަށް ފުލުހުން މިއަދު އިންޒާރު ދީފި އެވެ.

ފުލުހުން މިއަދު ބުނީ، ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދާއި ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިން ޒޯންތައް ފިޔަވައި އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް އެދޭ ކަމަށެވެ.

އެހެންކަމުން މާލޭގެ ބާރު ބޮޑު ސަރަހައްދުތަކުގައި ޕާކް ނުކުރުމަށް ފުލުހުން އެދިފައިވެ އެވެ.

މި ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާ މެދުގައި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގެ މަގުތަކަށް ލުއި ފަސޭހަކަން ގެނެސް ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ. އޭގެ ތެރޭގައި ޕާކިން ބިލްޑިންތައް އެޅުން ހިމެނެ އެވެ.