ކޮވިޑްގެ ކަންކަމުގައި އިސްކޮށް އުޅުއްވާ އައިޖީއެމްއެޗްގެ ކްލިނިކަލް އެޑްވައިޒަރީ ޓީމްގެ މެމްބަރު އަދި އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މޫސާ މުރާދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޑރ. މުރާދު މިއަދު ޕޯސްޓްކުރި ފޭސްބުކް ސްޓޭޓަސް އެއްގައި ލިޔުއްވާފައިވަނީ، ކޮވިޑް19 އަށް ޕޮޒިޓިވްވެ މިވަގުތު ހުންނެވީ އައިސޮލޭޝަންގައި ކަމަށެވެ.

"އަޅުގަނޑުގެ ކޮވިޑް ވެކްސިން ފޮޓޯއަށް އިންތިޒާރުކުރާ އާއިލާއާއި ރައްޓެހިންނަށް. އަޅުގަނޑު މިވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި މިވަގުތު އައިސޮލޭޝަންގައި. އައިސޮލޭޝަންގެ މުއްދަތު ފުރިހަމަވަންދެން ޖެހޭނީ މަޑުކުރަން ވެކްސިން ޖަހަން. ކޮވިޑް އެއްވެސް މީހުއްގެ މެދުގައި ތަފާތެއްނުކުރޭ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ، އަތް ދޮވެ، މާސްކް އަޅާ، ގައިދުރުކަން ބަހައްޓާ، އަދި އެމީހަކަށް ފުރުސަތުލިބުމުން ވެކްސިން ޖައްސަވާ،" ޑރ. މުރާދު ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައިވެ އެވެ.

https://www.facebook.com/musamurad/posts/10164658511370507

ޑރ. މުރާދަކީ ކޮވިޑްގެ ކަންކަމުގައި ދިވެހިންނަށް އާމޫނަކަށް ނުވާނެ އެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީއްސުރެ ކެނޑިނޭޅި ރައްޔިތުންގެ ހިދުމަތުގައި ހުންނެވި ޑރ. މުރާދު ވަނީ އެތަކެއް ދުވަސްމަތިން އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.