ފަނަރަ އަހަރަށް ފަހު މާލޭގެ ޖަލު ބަންދުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މިއަދުން ފެށިގެން، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުރި ޖަލު ބަންދުކޮށްފައިވާ ކަމަށެވެ. ޖަލު ބަންދުކޮށްފައިވާއިރު ޖަލުގައި ތިބި ގައިދީން ވަނީ މާފުށި ޖަލަށާއި އައްސޭރި ޖަލަށް ބަދަލުކޮށްފަ އެވެ.

"ސަރުކާރުން މި ޖަލު ބަންދުކުރަން ނިންމީ މި ޖަލާ ޖެހިގެން ކުރީ ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް އެތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރު ކުރަމުން އަންނާތީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު" ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޖަލު ބަންދުކުރި ނަމަވެސް ޖަލުގެ ކައުންޓަރުން ފޯރުކޮށްދެމުންދިޔަ ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށް ވެސް ކަރެކްޝަނަލް ސާވިސްއިން ބުނެ އެވެ.

މާލޭ ޖަލު ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ 17 ޖެނުއަރީ 2008 ވަނަ ދުވަހު އެވެ.