އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އެމްޑީޕީއިން ވަކިވެ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާ ގުޅިވަޑައިގެންފި އެވެ.

ހަސަންޓޭ މިއަދު ވަނީ ޕީއެންސީ އާ ގުޅިވަޑައިގަތް ފޯމް ރައީސް މުހައްމަދު މުއިއްޒު އާ ހަވާލު ކުރައްވާ ފޮޓޯއެއް "އެކްސް"ގައި ޕޯސްޓު ކުރައްވައިފަ އެވެ.

ހަސަންޓޭ ވިދާޅުވީ މިއަދުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކުު ކުރިއަށްދިއުމަށް ނިންމާފައިވާ ކަމަށާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީއެންސީއާއެކު ހުންނާނެ ކަމަށެވެ.

މިހާތަނަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 56 މެންބަރުން ތިއްބެވި ނަމަވެސް ހަސަންޓެ ހިމެނޭހެން 14 މެމްބަރުން ޕާޓީން ވަކިވެވަޑައިގަތުމާއެކު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ އަދަދުވަނީ 42 މެންބަރުންނަށް މަދުވެފަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ މެޖޯރިޓީއެއް އެ ޕާޓީއަކަށް ނުގެއްލެ އެވެ. އަދި މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޕީއެންސީގައި 16 މެންބަރުން ތިއްބަވާނެ އެވެ.