ބޭރުގެ ވެރިންނާ މެދު އިހްތިރާމް ކުޑަކޮށް، މުއާމަލާތްކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް އޮފިޝަލުނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރުމުންނެވެ. މިކަމެއް ފެށުނީ ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު އެވެ.

އިންޑިއާގެ ޕޮލިޓިކަލް ކޮމެންޓްރީ ގެނެސްދޭ އެކައުންޓަކުން މޯދީގެ މި ވީޑިއޯ ސިފަކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ހުރަހެއްގެ ގޮތުގަ އެވެ. އަދި, މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ "ޗައިނާގެ ޕަޕެޓް ސަރުކާރެއް" ކަމަށާއި އެ ވީޑިއޯގެ ސަބަބުން ލަކްޝްދީބަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށް "މިސްޓާ ސިންހާ" ނަމަކަށް ކިޔާ އެކައުންޓުން ބުނެފައިވެ އެވެ.

އެއާއެކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އޮފިޝަލުން ވަނީ ސަރުކާރުގެ ދިފާއުގައި އެކްސްގައި ރައްދު ދީފަ އެވެ. އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.

މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓެއްގައި ޝިއުނާ ވަނީ މޯދީއަކީ "ޖޯކަރެއް" ކަމަށާއި "އިޒްރޭލުގެ ޕަޕެޓް" އެއް ކަމަށް ސިފަކޮށްފަ އެވެ. އިންޑިއާގެ އެކައުންޓްތަކުން ވެސް ފާހަގަކުރަމުންދަނީ ސަރުކާރުގެ އޮފިޝަލެއްގެ ރަސްމީ އެކައުންޓުން މިފަދަ ޓްވީޓުތަކެއް ކުރުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކޮށްފައިވާ ކޮމެންޓްތަކެއް ކަމަށް ބުނަމުންނެވެ.

އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދައްކަވާ ވާހަކައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި ގައުމަށް ހުތުރުވާގޮތަށް މަލާމާތް ރައްދުވާގޮތަށް ކަންކުރާ ސަރުކާރުގެ އޮފިޝަލުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ބުނެ އެކްސް ގައި ދިވެހިން ވެސް އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.