ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރާ މެދު އިހްތިރާމް ކުޑަކޮށް، މުއާމަލާތްކުރުމުގެ ސަބަބުން އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއު ދިއްލީގައި ހުންނަވާ ސަފީރު، އިބްރާހިމް ޝަހީބު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރު ކުރަނީ މިއަދު ހެނދުނު 9:00 އަށެވެ.

އާންމު ގޮތެއްގައި ސަފީރުން ހާޒިރު ވުމަށް އަންގަނީ، ދެ ގައުމުގެ ދެމެދުގައި އުފެދޭ ބޮޑެތި މައްސަލަތަކާ ގުޅިގެންނެވެ. މި ވަގުތު ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ޑެޕިއުޓީ މިނިސްޓަރުން މޯދީ އަށް މަލާމަތް ކުރި މައްސަލަ އެވެ.

ސަފީރު ހާޒިރުކުރާ ބައްދަލުވުމުގައި ދަމަހައްޓާނެ ކަމަށް ބެލެވެނީ އިއްޔެ ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައިވާ ސްޓޭންޑެވެ. އެ ބަޔާނުގައި ބުނެފައިވަނީ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ބަޔާނަށް ފަހު ސަރުކާރުން ވަނީ، މޯދީއަށް މަލާމާތް ކުރި ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑުކޮށްފަ އެވެ

މި މައްސަލަ އުފެދި ހޫނުވެގެން ދިޔައީ، އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާ އެކު އިންޑިއާ މީހަކު ޖެނުއަރީ 4 ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ސަސްޕެންޑުކުރި ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިއާ ގުޅިގެންނެވެ.

"މިސްޓަ ސިންހާ" ގެ ނަމުގައި އުފައްދާފައިވާ އެކްސްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ މޯދީ ލަކްޝަދީބު ޕްރޮމޯޓު ކުރުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ޗައިނާގެ ޕަޕެޓު ސަރުކާރެއް ކަމަށް ބުނެފައިވެ އެވެ.

އެ ޕޯސްޓަށް ރައްދެއްގެ ގޮތުގައި ޝިއުނާ ކުރެއްވި ޕޯސްޓުގައި މޯދީ އަކީ "ކްލައުނެއް" ކަމާއި އިޒްރޭލުގެ "ޕަޕެޓެއް" ކަމަށް ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓާ ގުޅިގެން ޝިއުނާ އަށް އޮއްސައިލި ފާޑުކިޔުމާ ގުޅިގެން ޕޯސްޓް ޑިލީޓުކުރެއްވި އެވެ. މަލްޝާ ކުރެއްވި ޕޯސްޓު ވެސް ޑިލީޑް ކުރެއްވި އެވެ.

ބައެއް ދިވެހިން އިންޑިއާއާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާ މެދު އިންޑިއާގެ ރައްޔިތުން ވެސް ނުރުހުން ފާޅުކުރަމުން އަންނައިރު އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ހިމެނެ އެވެ. އެގޮތުން ދިވެހި ސަރުކާރުގެ ބައެއް އިސްވެރިން އިންޑިއާއާ މެދު ނަފުރަތު އުފައްދައި، ފުރައްސާރައިގެ ބަސްތައް ރައްދުކުރާ ކަމަށް ބުނެ، ރާއްޖެއަށް މީހުން ނުދިޔުމަށް ބޮލީވުޑްގެ މަޝްހޫރު ތަރިން ދަނީ ގޮވާލަމުންނެވެ.

އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ވެސް އިންޑިއާއިންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.