ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރާ މެދު އިހްތިރާމް ކުޑަކޮށް، މުއާމަލާތްކުރުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގައި އިންޑިއާއިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް، ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރަށް ފޮރިން މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގައިފި އެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައި ވަނީ މެންދުރު 12:00 އަށެވެ.

ސަފީރު ފޮރިން މިނިސްޓްރީ އަށް ހާޒިރުވާން އަންގާފައިވާއިރު އިންޑިއާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ވަނީ ހާޒިރުކޮށްފަ އެވެ.

އެއް ގައުމުން އަނެއް ގައުމެއްގެ ސަފީރަކު ހާޒިރުކުރަނީ ދިމާވާ އެކި ކަންކަމުގައި އޮންނަ ހިތްހަމަނުޖެހުމާއި ދެކޮޅުވެރިކަން ހާމަކުރުމާ އެކު އެކަމުގައި އެ ގައުމެއްގެ ވިސްނުން ސީރިއަސްކަން ހާމަކުރުމުގެ ގޮތުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް ޓްވީޓު ކުރި މައްސަލައެއްގައި ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެތެރޭގައި ހިމެނެނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފާއި ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ އަދި ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހްޒޫމް މާޖިދެވެ.

ޑެޕިއުޓީ މިނިސްޓަރުންތަކެއް ސަސްޕެންޑްކޮށްފައި މިވަނީ ސަރުކާރުގެ އިސްވެރިން ހިމެނޭހެން މޯދީއަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރުގަދަ ކޯޅުމެއް ހިނގަމުން ދަނިކޮށެވެ.

އިންޑިއާގެ ބޮޑެތި މީޑިއާތަކާއި ބޮލީވުޑުގެ ފިލްމީތަރިން ވެސް އަންނަނީ ރާއްޖެ ދަތުރުނުކުރާން ހިތްވަރުދެމުންނެވެ.