ޔުނިވަސިޓީ، ތުން ހުސެއިން އޮން މެލޭޝިއާ (ޔޫޓީއެޗްއެމް) އިން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރެއްވުމުން ޏ. ފުވައްމުލަކަށް އުފަން އަބްދުﷲ އިބްރާހިމް ވެވަޑައިގެންފައި ވަނީ އެދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވި ރާއްޖޭގެ ފުރަތަމަ ބޭފުޅާގެ ގޮތުގަ އެވެ. ޔޫޓީއެޗްއެމް އަކީ މެލޭޝިއާ ސަރުކާރުން ހިންގާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނަށް ޚާއްސަ ޔުނިވަސިޓީ އެކެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އަބްދުﷲގެ ހިތުގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާ އަށް ޝައުގުވެރިކަން އުފެދުނީ 2006 ވަނަ އަހަރު އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޒާހިޔާ ޒަރީރުގެ އެދިވަޑައިގެންނެވުމަކަށް ރާއްޖޭގެ ސްކޫލްތަކަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިން ޕައިލޮޓް ޕްރޮގްރާމެއްގެ ގޮތުގައި ތައާރަފުކުރުމަށް ހިންގި ޕްރޮގްރާމް ރާވައި، ހިންގުމަށް މަސައްކަތް ކުރައްވަން ފެށްޓެވި ހިސާބުންނެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް ރަސްމީ އެޑިޔުކޭޝަންގެ ސިލަބަހުގެ ތެރެއިން އެކަށީގެންވާ ނަތީޖާ ނުހޯދި ފެއިލްވަމުން ދިއުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި އެފަދަ ކުދިންނަކީ މުޖުތަމައަށް ފައިދާހުރި ހުނަރުވެރި ބައެއްގެ ގޮތުގައި ސްކޫލްގެ ތައުލީމީ އޮނިގަނޑުގެ ތެރެއިން ބައްޓަން ވެގެން ނެރެ ދިނުމުގެ މަގުސަދުގައި ރާއްޖެއަށް ޓިވެޓް ތައާރަފް ކުރުމުގެ ޒިންމާ މިނިސްޓަރު ހަވާލު ކުރެއްވީ އަބްދުﷲ އާ އެވެ.
ކޮމިއުނިޓީ ޓީޗާ އެޑިއުކޭޓަރެއްގެ ވަޒީފާގައި އަބްދުﷲ ހަވާލުވި މަސްއޫލިއްޔަތަކީ ރާއްޖެއަށް ޓިވެޓް ތައާރަފްކޮށް، އެޕްރޮގްރާމް މުޅި ރާއްޖެއަށް ފެތުރުމެވެ. އެ ވަޒީފާގައި ހުންނަވައި އަބްދުﷲ ވަނީ މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުގައި ޓިވެޓް ޕްރޮގްރާމްތަކެއް ވަރަށް ކާމިޔާބުކަމާއެކު ހިންގައިފަ އެވެ.
މާލެއާއި އަތޮޅުތަކުން ހޮވާލެވުނު ވަކި ސްކޫލްތަކެއްގައި އެ ހަރަކާތް ގާއިމުކުރައްވައި އެކަމަށް ބޭނުންވާ ރިސޯސް ފޯރުކޮށްދެއްވައި ޓީޗަރުން ތަމްރީނު ކުރެއްވުމުގެ ޒިންމާ އަދާ ކުރެއްވި އެވެ. އެ މަސައްކަތް ރާއްޖޭގެ އެކި ހިސާބުގައި ހިންގެވުމުގެ އެންމެ އިސްރޯލެއް އަދާ ކުރެއްވުމުގައި 20011 އަކާ ހަމަޔަށް އަބްދުﷲ ދެމި ހުންނެވި އެވެ.
ޓިވެޓްގެ ދާއިރާގައި ކޮށްދެވުނު ޚިދުމަތާއި އުފުއްލެވި ޒިންމާތަކުގެ ތަޖުރިބާގެ އަލީގައި އެއީ ދިވެހި ރާއްޖެއަށް ނުހަނު ބޭނުންތެރި ދާއިރާއެއްކަމުގައި އަބްދުﷲއަށް ވިސްނިވަޑައިގެންފައި އޮތް އޮތުންވީ، އޭނާގެ ޕީއެޗްޑީ އެ ދާއިރާ އަށް ޚާއްސަ ކުރެއްވި މައިގަނޑު ސަބަބަށެވެ.
މީގެ 37 އަހަރު ކުރިން، 1987 ގައި ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ އިން ތައުލީމީ ދާއިރާ އާ ގުޅިވަޑައިގެންނެވުމަށްފަހު އަބްދުﷲ ވަނީ ސްޕަވައިޒަރު ކަމާއި އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި ހެޑްމާސްޓަރު ކަމާއި ސީނިއާ ކޮމިއުނިޓީ ޓީޗާ އެޑިއުކޭޓަރުގެ ވަޒީފާގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރު ކަމުގެ މަގާމު ވެސް އަދާ ކުރައްވާފަ އެވެ. އަބްދުﷲ އެންމެ ފަހުން އަދާ ކުރެއްވީ އާސިއާން ގައުމުތަކަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަނަ ޓޫރިޒަމް ޕްރޮމޯޝަން އެންޑް އިންވެސްޓްމެންޓް އެންވޯއީގެ މަގާމެވެ.
ތައުލީމީ ދާއިރާއިން ތަފާތު ތަމްރީނުތަކާއި ކޯސްތައް ރާއްޖެއިންނާއި ސްރީލާންކާ އިންނާއި ފިލިޕީންސުން ހެއްދެވުމަށްފަހު އަބްދުﷲ ވަނީ ޔުނިވާސިޓީ އޮފް ނޮޓިންގަހަމް އިން އެޑިއުކޭޝަނަލް މެނޭޖްމެންޓުން ގްރެޖުއޭޓް ޑިޕްލޮމާއާއި އެޑިއުކޭޝަނަލް މެނޭޖްމެންޓް އެންޑް ލީޑަޝިޕުން މާސްޓާސް ހައްދަވާފަ އެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާ އަށް ފަހު ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވަމުން ވެސް ރާއްޖޭގެ ތައުލީމީ ދާއިރާއަށް ޓިވެޓްގެ މުހިންމުކަން އެނގިވަޑައިގަންނަވާތީ އަބްދުﷲގެ ޕީއެޗްޑީގެ ރިސާޗް ހެއްދެވީ ރާއްޖެއަށް ޚާއްސަ ކުރައްވައިގެންނެވެ.
ސުރުޚީ އަކީ "ދަ އިމްޕްލިމެންޓޭޝަން އޮފް ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން އިން ލޯވާ ސެކަންޑަރީ ސްކޫލްސް" އެވެ.
އަބްދުﷲ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގެ ސެކަންޑަރީ ކްލާސްތަކުން ފެށިގެން ވޮކޭޝަނަލް ތައުލީމުގެ ރަސްމީ ސިފައެއްގައި ހިމަނަން ޖެހެ އެވެ. އެހެން ވެއްޖެނަމަ ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ބޭރުން ގެންނަން ޖެހޭ ޖެހުން ނިމުމަކަށް އަންނާނެ އެވެ. ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ އެ ކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ހުނަރު ހުރި ކުއްޖަކަށް ވެ، ރާއްޖޭގެ ވަޒީފާގެ މާހައުލުގެ އިސް ސަފުގައި ހުނަރުވެރި ދިވެހިން ތިބޭ ތަން ފެންނާނެ އެވެ.
ދިވެހި ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާއިރު ޓިވެޓްގެ މާއްދާތައް ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ކިޔަވައި ދެމުން ނުދެ އެވެ. އޭގެ ބަދަލުގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ދަށުންހިންގާ ވަކި އިދާރާއެއްގެ ގޮތުގައި އެމްއެންއެސްޑީއޭގެ ނަމުގައި ބޮޑެތި މީހުންނަށް ސްކިލްޑް ކޯސްތަކެއް ހިންގާ އިދާރާއެއް ހުރެ އެވެ.
އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އެއްވެސް ހައްލައެއް ނެތެވެ. ފާއިތުވެ ދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ގްރޭޑް 10 ނިންމި ކުދިންގެ ތެރެއިން 5 މާއްދާއިން ފާސްވެފައި ވަނީ ސްކޫލް ނިންމި ކުދިންގެ 49 އިންސައްތަ އެވެ. ބާކީ ފަންސާހަށް ވުރެ މަތީ ޕަސެންޓޭޖުގެ ދަރިވަރުން ވަނީ ބާކީ ވެފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ހިންގި ބީ ޓެކް ޕްރޮގްރާމާއި ދަސްވާރު ޕްރޮގްރާމްގެ ސަބަބުން ސްކޫލު ނިމޭ ކޮންމެ ކުއަޖަކީ ވެސް ކޮންމެ ވެސް ހުނަރެއް ލިބި ވަޒީފާގެ ފުރުސަތު ފަހިވެފައިވާ ކުއްޖެއް ކަމަށްވި އެވެ. އޭރުގެ ފަސް މާއްދާ އިން ފާސްވާ ނިސްބަތް އޮތީ 80 ޕަސެންޓްގަ އެވެ.
މިއަދުގެ ހާލަތަށް ވިސްނަވައި ސްކޫލްތަކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި އަބްދުﷲ ވަނީ އޭނާގެ ތީސީސްގައި ރާއްޖޭގެ މަދަރުސާތަކުގައި ޓިވެޓް ޕޮރޮގްރާމް ހިންގާނެ ކޮންސެޕްޓާއި އެކަމަށް ބޭނުން ކުރާނެ އެޕްރޯޗާއި ކުދިންގެ ހުނަރުތައް ތަރައްގީ ކުރާނެ ގޮތާ ބެހޭ ގޮތުން ދިރާސާ ކުރައްވައި ތީސީސްގައި ހިމަނުއްވާފަ އެވެ.
އެ ޕްރޮޕޯސަލްގެ މުހިންމު ބައެއްގެ ގޮތުގައި ޓިވެޓް ތައާރަފް ކުރާއިރު ދިމާވާނެ ގޮންޖެހުންތަކާއި އެކަމަށް ހައްލު ގެންނާނެ ގޮތް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. ސަރުކާރާއި ބެލެނިވެރިންނާއި ޖަމާއަތުގެ ދައުރު ވެސް ވަރަށް ތަފުސީލުކޮށް ހިމަނުއްވާފައިވެ އެވެ.
ރާއްޖޭގެ ރައްޔިތުން ތަރައްގީއަށް ބޭނުންވެފައިވާ މިންވަރާއި މިހާރު ރާއްޖެ ކުރި އަރަމުންދާ މިންވަރަށް ބަލާއިރު ތައުލީމީ ނިޒާމަށް ގެންނަން ޖެހޭ ކަމަށް އަބްދުﷲ ދެކެވަޑައިގަންނަވާ ބަދަލުތަކަކީ ވަރަށް ބޭނުންތެރި މުހިންމު ބަދަލުތަކެކެވެ.
އިގުތިސާދުގައި ހިއްސާވުމެއް ނެތި ބޭކާރު ގޮތުގައި އުޅޭ ޖމާއަތެއް ރާއްޖޭގެ އާބާދީގެ ތެރޭގައި އުޅޭކަމީ އެންމެން ވެސް ދަންނަ އެކަމާ މުޅި ގައުމު ކަން ބޮޑުވާކަމެކެވެ. މުޖުތަމައުގައި ތިބި އެފަދަ މީހުން އެހިސާބަށް ދިއުމުގެ ކުރިން ސްކޫލުގެ ވެށިން އެކަން ފާހަގަކޮށް އެކުދިންނަށް ކުރިޔަށް ދެވޭނެ މަގުފަހިކޮށް ދެވޭނަމަ ކޮންމެ ކުއްޖަކީ ވެސް ގައުމަށް ފައިދާހުރި މުހިންމު ކުއްޖެއް ކަމަށް ވާނެ އެވެ. އަބްދުﷲ ޕީއެޗްޑީ ތީސީސް އިން އެމައްސަލަތަކަށް ހައްލު ގެނެވޭނެ ގޮތްތައް ސާފުކޮށް އެނގެ އެވެ.
ތައުލީމީ ދާއިރާގެ ގިނަ ތަޖުރިބާތަކާއެކު އެރޮނގުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވާ ވިދާޅުވެ ވަޑައިގެންހުންނެވި އަބްދުﷲ މިވަގުތު ހުންނެވީ ސިޔާސީ މަސައްކަތަށް ވަގުތު ހުސް ކުރައްވައިގެންނެވެ.
ކުރީގެ ރައީސް ޔާމީން އަލަށް އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ، ޕީއެންއެފް އުފެއްދުމަށް ބޭނުންވާ މަސައްކަތަށް ވަގުތު ޚާއްސަ ކުރައްވައިގެން ހުންނެވި އަބްދުﷲ ދެކެވަޑާއިގަންނަވާ ގޮތުގައި ތައުލީމީ ދާއިރާއަށް ވެސް އާންމުކޮށް ހުރިހާ ދާއިރާއެއްގެ ވެސް ކަންތައް ބަރާބަރަށް ކުރިޔަށް ދާނީ އެކަމަށް އެކަށޭނަ ވެރިކަމެއް އޮވެގެންނެވެ. ސިޔާސީ ދާއިރާގައި މިވަގުތު އަބްދުﷲ ހަރަކާތްތެރި ވަނީ ގައުމަށް އެފަދަ ހެޔޮ ބަދަލެއް ބޭނުންވާތީ އެވެ.
އަބްދުﷲ ބޭނުންވާ ހެޔޮ ބަދަލު މިވަގުތު ނުލިބުނު ކަމުގައި ވިޔަސް އޭނާގެ ޕީއެޗްޑީ ގައުމަށް ޚާއްސަ އެވެ. އެއީ އެ ދާއިރާއިން ދިވެއްސަކު ހެދި ފުރަތަމަ ޕީއެޗްޑީ އެވެ.