ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދު ކުރި ފިލްމީ ތަރި މުހައްމަދު ޔުނާން ހުޅުމާލެ ކޯޓުން ދޫކުރި މައްސަލަ އިސްތިއުނާފު ކުރުމުން އެ ނިންމުން ބާތިލްކޮށް އޭނަ ދޫކޮށްލަން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ މިމަހުހެ 14 ވަނަ ދުވަހު އެވެ. އަދި އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރެލް (ޕީޖީ) އޮފީހުން ހައި ކޯޓްގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 18 ގަ އެވެ.

މި ނިންމުން ހައި ކޯޓުން ނިންމީ ހުޅުމާލެ ކޯޓުން އޭނާގެ މައްޗަށް ކުރި ޝަރުތުތަކާ ހިލާފުވެފައި ވަނިކޮށެވެ. އޭނާ ބަންދުން ދޫކު ރިއިރު ކަނޑައަޅާފައިވާ އެއް ޝަރުތަކީ މެޑިކަލް ކަންކަމުގައި އެކަނި ބޭރަށް ދިއުމެވެ. އެކަމަކު، އޭނާ އެހެން ކަންކަމުގައި ވެސް ބޭރަށް ގޮސް އުޅޭ ކަމަށްވެ އެވެ.

ހައި ކޯޓުގެ ނިންމުމުގައި ވަނީ އޭނާ ބަންދުކޮށްދިނުމަށް އެދި އަލުން ހުށަަހަޅައިފި ނަމަ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އަދި މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އުފުލާފައިވާ އިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.

ޔުނާން އަކީ 2017 ގެ ފިލްމު "ބޮސް" އިން މަޝްހޫރުވި އެކްޓަރެކެވެ.

މި މައްސަލާގައި ޔުނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 110 އަހަރާއި 133 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށް އުފުލި ހުރިހާ ދައުވާއެއް ސާބިތުވާނަމަ 50 އަހަރާއި 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.