މަސްތުވާތަކެއްޗާ އެކު ދިވެހި ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ވިލިމާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެ ދަށުން 40 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ތިބި ފްލެޓް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ސާމާނު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން 40 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް އަދި 41 އަހަރުގެ މީހާ އަށް ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރު ކުރި މީހުން ތެރޭގައި ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) ހިމެނެ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.