ރާއްޖޭގައި މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ވެކްސިން ދިން މީހުންގެ ތެރޭގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހި 2،015 މީހުންނާއި އަތޮޅުތެރެއިން ވެކްސިންޖެހި 560 މީހުން ހިމެނެ އެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 6،854 އެވެ. އެއީ މާލެ ސަރަހައްދުން 5،588 މީހުންނާއި އަތޮޅު ތެރެއިން 1،266 މީހުންނެވެ.

މާލެ ސަރަހައްދުގައި މިވަގުތު ކޮވިޑް ވެކްސިން ދިނުމަށް ހަ ސެންޓަރެއް ވަނީ ކަނޑައެޅިފަ އެވެ. އަދި ތިން އަތޮޅެއްގައި މިހާތަނަށް ވަނީ ވެކްސިންދޭނެ ގޮތް ފަހިކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެހީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. މިއަދުން ފެށިގެން މާލެ ސަރަހައްދުގައި އުޅޭ 55 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން ވަނީ ފަށާފަ އެވެ.