މި ސަރުކާރުން ދިރާސީ އަހަރަށް ގެންނަ ބަދަލުތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ދިރާސީ ކަލަންޑަރަށް އެޑިޔުކޭޝަން މިނިސްޓްރީން ގެނެސްފައިވާ ބަދަލާ ގުޅިގެން ބެލެނިވެރިންނާއި މުދައްރިސުންނާއި އާންމުންގެ ކަންބޮޑުވުން ޕާޓީ އަށް ހުށަހަޅަމުންދާ ކަމަށެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ބެލިބެލުމުން ފާހަގަކުރެވުނު ކަންކަން ހާމަކުރަމުން އެމްޑީޕީން ބުނެފައިވަނީ ދިރާސީ އަހަރަށް ގެނެވިފައިވާ ބަދަލުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނާއި އަދި މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ދޭދޭ ގުޅުންތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ވަރަށް ގިނަވާނެ ކަމަށެވެ. އަދި މި ބަދަލުތައް ގެނެސްފައި މިވަނީ ދިރާސީ އަހަރުން ހަ މަސް ދުވަސް ގެއްލޭގޮތަށް ކަމަށާއި މިކުރު މުއްދަތުގެ ތެރޭގައި ސިލަބަސް ކަވަރު ކުރުމަށާއި މަންހަޖުގައި ކަނޑައަޅާފައިވާ ލާނިން އައުޓްކަމްސް އާއި ހުނަރުތައް ދަރިވަރުންނަށް ޙާސިލުކޮށްދިނުމަށް މުދައްރިސުން މަސައްކަތްކުރަންޖެހޭނީ އިންތިހާ ޕްރެޝަރުގައި ކަމަށް ބުނެފައިވެ އެވެ.

"މިކަމުގެ ސަބަބުން މުދައްރިސުންގެ ވޯކްލޯޑް އިތުރުވެގެންދާނެ އެވެ. ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ޖެހުމުން އަމިއްލަ އާއިލާއަށާއި އަމިއްލަ ނަފުސަށްޓަކައި ހޭދަކުރާ ވަގުތު ގުރުބާންކުރަން ޖެހުމަކީ މުދައްރިސުން މިހާރަށް ވުރެން ވެސް ބޮޑަށް ވަރުބަލިވެ، ބާންއައުޓްވެ އަދި މުދައްރިސުންގެ އާއިލީ ގުޅުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް." އެ ބަޔާނުގައިވެ އެވެ.

ދަރިވަރުން ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ޖެހުމުން އެ ކުދީން އަބަދު ސްކޫލަށް ގެންދިޔުމުގެ ތަކުލީފު ބެލެނިވެރީންނަށް އުފުލަންޖެހޭނެ ކަމަށާއި މިއީ ބުރަކޮށް މަސައްކަތުގައި އުޅޭ ބެލެނިވެރިންނާއި ގިނަ ދަރިން ސްކޫލަށް ގެންދާ ބެލެނިވެރިންނާއި ސިންގަލް ޕޭރެންޓްސްއަށް މެނޭޖްކުރަން އުނދަގޫވާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

މި ބަދަލުގެ ސަބަބުން އެންމެ ބޮޑު އަގެއް ދައްކަންޖެހޭނީ ދަރިވަރުން ކަމަށާއި ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަންޖެހުމާއި ގޭގައި ވެސް އަބަދު ފިލާވަޅު ދަސްކުރުމަށް ނުވަތަ ހޯމްވޯކް ހަދަން އުޅެންޖެހުމުން ސިކުނޑި ވަރުބަލިވުމާއި ކުދިކުދި ކަންތަކާއި ރުޅިއައުން ފަދަ ޖަޒުބާތީ މައްސަލަތައް އެކުދިންނަށް ދިމާވާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި ވިސްނާންޖެހޭ ކަމަކީ ދަރިވަރުންގެ ގްރޭޑަށް ވުރެން ނުވަތަ ހޯދާ މާކްސްއަށް ވުރެން އެކުދީންގެ މެންޓަލް ހެލްތު މުހިއްމުކަން ކަމަށް ވެސް ބުނެފައިވެ އެވެ.

"އެއްވެސް ވަރަކަށް ވިސްނާނުލާ ސިޔާސީ ޕޯޑިއަމްއެއްގައި ބުނެވުނު ވައުދެއް ފުއްދުމުގެ ބޭނުމުގައި 95000 އެއްހާ ދަރިވަރުންގެ މުސްތަޤްބަލަށް މިވަރުގެ ބޮޑު ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުމަކީ ކުރަން ހެޔޮވާ ވަރުކަމެއް ނޫން." އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ވަނީ ދަރިވަރުންގެ ޖުމްލަ ތަރައްޤީއަށް އުނިކަމެއް ނާންނާނެ ފަދައިން، ކަމާ ގުޅުންހުރި އިދާރާތަކުން ދަރިވަރުންނާ ގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމަށް ގޮވާލައިފަ އެވެ.

އެމްޑީޕީ މިފަދައިން ބުނެފައިވާއިރު ރައީސް ސޯލިހުގެ ސަރުކާރުން ދިރާސީ އަހަރަށް ގެނައި ބަދަލާއި ގުޅިގެން ގިނަ ބަޔަކު އޭރު ޝަކުވާ ކުރި އެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް އެއް އަހަރު ގެއްލުންވި އެވެ.