މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި މާލެ އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އައިއިރު، މި ބައި އިލެކްޝަންގައި ވޯޓުލެއްވި ހަމައެކަނި ރައީސަކީ ޔާމީނެވެ.

ރައީސް ޔާމީން ވޯޓުލައްވަނީ.

އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީން ވޯޓުލައްވާފައެއް ނުވެ އެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލާފައިވާ ޔާމީން އެ ދުވަސް ވަރު ހުންނެވީ މާފުށީ ޖަލުގަ އެވެ.

މާލޭގެ މޭޔަރާއި ކައުންސިލްގެ ތިން މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޔާމީންގެ ތާއީދާ އެކުގައި ގިނަ ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. ޔާމީންގެ ތާއީދާ އެކު، މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. ދެން މޭޔަރަކަށް ކުރިމަތިލައްވާފައި ވަނީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީ އެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން މާލޭގައި ވޯޓުލުން ކުރިއަށްދާއިރު މާލޭގެ މޭޔަރަކު ކަނޑައެޅުމުގެ އިންތިހާބުގައި 56،002 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. މި އިންތިހާބުގެ ވޯޓުލުން އަދި ފެންނަނީ ވަރަށް ފޯރި ކުޑަކޮށެވެ. އިންތިހާބުގައި ވޯޓުލުމަށް މިހާތަނަށް ނުކުމެފައި ވަނީ ވެސް ވަރަށް މަދު ބަޔެކެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސް ކަމުގެ ހުވާ ކުރެއްވުމުންނެވެ. މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގެންފައިވާތީ އެ ގޮނޑިތައް ވަނީ ހުސްވެފަ އެވެ.