އިންޑިއާ އިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމަށާއި އެހެން ގައުމުތަކަށް ވެސް އާސަންދަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު މާލެއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ދިވެހި ރައްޔިތުންގެ ސިއްހީ ފަރުވާގެ ހަރަދުތައް ކަވަރުކޮށްދޭ ސަރުކާރުގެ ހެލްތު ސްކީމް، އާސަންދަގެ ހިދުމަތް ރާއްޖޭން ބޭރު ގައުމުތަކުގެ ތެރެއިން، މިހާރު ލިބެނީ އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގެ ހޮސްޕިޓަލުތަކަކުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އާސަންދައަކީ ވަކި ގައުމަކުން ހުންނަ މެޑިކަލް ފެސިލިޓީތަކަށް ގޮސްގެން ލިބޭ ގޮތަށް ނަހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީ އާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކޮމޮޑޭޝަން ހަރަދުތައް ކަވަރު ކުރެވޭ ގޮތަށް އެ ގައުމުތަކުން އާސަންދަ ހިދުމަތް ދިނުމަށް ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ އިން އެކަނި ބޭސް އެތެރެ ކުރުން ހުއްޓާލައި ސީދާ ޔޫރަޕުން ބޭސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކި ދާއިރާތަކުން ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އާސަންދަ އޮފީސް.. ފޮޓޯ: އަވަސް

"އާދައިގެ ބޭސް ގެނައުން ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން. އެކަންތައް މިހާރު ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމަށް ދެން މާ ލަސްތަކެއް ނުވެ، އެތެރެ ކުރާނީ ޔޫރަޕްގެ އަސްލު ބޭސް އުފައްދާ ތަންތަނުންނާއި އެމެރިކާގެ ތަންތަނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި ފެނިގެން ދިޔައީ ކޮންމެ ކަމެއް ނިންމުގައި ވަކި ގައުމަކަށް ބަރޯސާވެފައިވާ މަންޒަރު ކަމަށެވެ. ވަކި ގައުމެއްގެ ނަން ވިދާޅުނުވި ނަމަވެސް އެމަނިކުފާނު އިޝާރާތް ކުރެއްވީ އިންޑިއާއަށެވެ. މިދިޔަ ސަރުކާރުގައި އިންޑިއާގެ ނުފޫޒު ގަދަ ކަމަށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.