ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮންގޯލިއާއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. މިގޮތައް ހަމަޖައްސާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖެއާ މޮންގޯލިއާއާއި ދެ ގައުމުގެ ސަރުކާރުގެ މެދުގައި ވިސާގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޮގަސްޓު 17 ގަ އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ވިސާގެ ލުއިތަކުގެ ދަށުން ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް މޮންގޯލިއާއަށް އެތެރެވެ ތިބެވޭނީ އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން ތިރީސް ދުވަހުގެ މުއްދަތަކަށެވެ. އަދި މޮންގޯލިއާ ރައްޔިތުންނަށްވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ޓްރާންސިޓް ކުރުމުގައިވެސް ވިސާ ނަގާކަށް ނުޖެހޭނެ އެވެ.

ނަމަވެސް ތައުލީމު ހާސިލުކުރުމާއި ވަޒީފާއާއި ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ މީހުން ދުރާލާ ވިސާ ނަގަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.