ބަޖެޓްގެ ދަތިކަން ހުރިނަމަވެސް ގައިދީންނާއި، ޖަލު އޮފިސަރުންގެ އެކޮމޮޑޭޝަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރް މިއަދު ވިދާޅުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ ދަށުގައި އޮންނަ ކ. ހިންމަފުށީ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ހަސަން ވިދާޅުވީ އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ބުރަ، ދީނީ އަދި ގައުމީ މަސައްކަތެއް ކަމަށާއި ކަރެކްޝަންސްގެ އޮފިސަރުންނަކީ ތަމްރީނެއް ފުރިހަމަކޮށް، ހުވައެއް ކޮށްގެން ތިބި އޮފިސަރުން ކަމަށެވެ.
މި ޖީލުގައި އަދި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާ ގުޅޭ މައްސަލަތައް ކަމަށާއި ޖަލުތަކުގައި ތިބި ގައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ދިވެހީންނާއި ބިދޭސީން ކަމަށާއި އެމީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖްތަމައަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ގައުމީ ޖިހާދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލުތަކުގައި ހުރި އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ ޖަލުގައި ތިބި ގައިދީންނާއި މަސައްކަތްކުރާ އޮފިސަރުންގެ އެކަމަޑޭޝަން ފަދަ ކަންކަން ރަނގަޅުކުރުމަށް، ބަޖެޓްގެ ދަތިކަން ހުރިނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫއުތައް ފުޅާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ހަސަން ވިދާޅުވިއެވެ.
އަދި އޮފިސަރުންނާއި މުވައްޒަފުން ތަރައްގީކޮށް، ތަޢުލީމީ ފުރުސަތު ހޯދައި ދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ، އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.