ރަށުގެ އިހުތިސާސުން ބޭރު ފަޅުރަށްތައް ވެސް ރަށު ފެންވަރުގައި އާންމު ރައްޔިތުން ކުރާ މަސައްކަތްތަކަށާއި ރައްޔިތުންގެ މަންފާއަށް ކައުންސިލްތަކަށް ބޭނުންކުރެވޭ ގޮތަށް، ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.

ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ މަސައްކަތްތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅު ރަށްތައް ދޫކުރުމާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުގައި ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅު ރަށްތަކުގެ ތެރެއިން ގަވައިދުގެ ދަށުން ދޫކުރާނެ ފަޅުރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ގަވައިދުގައިވާ ގޮތުން ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ، އެރަށެއް ހޯދަން ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯޒަލް ވަޒަންކުރުމަށް ފަހު އެވެ. އެކަމުގައި އިސް ދައުރެއް އަދާކުރާނީ ކައުންސިލްތަކަށް ހާއްސަކޮށްގެން މި ސަރުކާރުން ހެދި މިނިސްޓްރީ އޮފް ލޯކަލް ގަވާމަންޓުންނެވެ.

ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހޭނެ އެވެ. އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެ އެވެ.

ކައުންސިލްތަކުން ރަށެއް ހޯދުމަށް ހުށަހެޅޭނީ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށަކަށެވެ. ނަމަވެސް އެ އަތޮޅުގައި ރަށެއް ނެތް ނަމަ، އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަވައިދުގައިވެ އެވެ. މި ދެ ހާލަތުގައިވެސް، އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ، ލިޔުމުން ހޯދަންޖެހެ އެވެ.

މީގެ ކުރިން ކައުންސިލަކަށް ރަށެއް ލިބޭނީ އެ ރަށެއް ބަލަހައްޓާ އުސޫލުން އެކަންޏެވެ.

އެ އުސޫލުން ލިބޭ ރަށްރަށުގައި ކުރަން ހުއްދަ ދީފައިވާ ކަންކަމަކީ: ކާށި ނުވަތަ ފަން ހޮވުން އެއްވެސް ގަހެއް ނުކަނޑައި ކުދި ގަހުގެ ނާސަރީއެއް ހެދުން/ހެއްދުން އަވަހަށް ހެދޭ ބާވަތުގެ ބައެއް ތަރުކާރީ ހެއްދުން ރުއްގަސް އަދި ބަނބުކެޔޮ ފަދަ ބޮޑެތި ގަސް އިންދުން ގޮނޑުދޮށުން މަސް ހިފުން

އާ ގަވައިދުގެ ދަށުން ހޯދާ ރަށްތަކުގައި ކުރެވޭނެ ކަންކަން:

ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން ތަކެތި ގުދަންކުރުން

ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން

ދޫނި ގެންގުޅުން

މަސް ކައްކައި ހިއްކުން

ލޮނުމަހުގެ މަސައްކަތް ކުރުން

ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން

އެކުއަކަލްޗާގެ މަސައްކަތް ކުރުން

ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން

ދިރޭ މަސް ގެންގުޅުން

އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން

ފައިބަރުގެ މަސައްކަތް ކުރުން

ވަޑާމުގެ މަސައްކަތް ކުރުން

ވޯކްޝޮޕް ހެދުން

އެޅިގަލުގެ މަސައްކަތް ކުރުން

ދަތުރު ދިޔުމާއި މޫދު ކުޅިވަރުގެ ހިދުމަތް ދިނުން

ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

ކައުންސިލްތަކުން ތަފްސީލު ރިޕޯޓު ހުށަހަޅާއިރު، އެއް ކައުންސިލަކަށްވުރެ ގިނަ ކައުންސިލަކުން ގުޅިފައިވާ ހުށަހެޅުމެއްގެ ތެރެއިންވެސް ރަށެއް ހޯދޭނެ އެވެ. ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ، 10 އަހަރުދުވަހުގެ މުއްދަތަށެވެ. ކައުންސިލަކަށް ދޫކޮށްފައިވާ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަންޖެހޭނެ އެވެ.

ޕްރޮޕޯސަލް ހުށައެޅޭނީ ސަރުކާރުން ކަނޑައަޅައި އިއުލާނުކޮށްފައިވާ ރަށްތަކަކަށެވެ. އެ ރަށްތަށް ވަރަށް އަވަހަށް ސަރުކާރުން އިއުލާނުކުރާނެ އެވެ.