މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމާއި މާލެ ސިޓީ ކައުންސިލްގެ އިންތިހާބީ ތިން ކައުންސިލަރުން މިރޭ ހުވާ ކުރައްވައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޭޔަރާއި ތިން ކައުންސިލަރުންނަށް ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމާއި ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ. މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވި، އާޒިމަށް މި ބައި އިލެކްޝަންގައި 7،621 ވޯޓު ލިބިވަޑައިގެންނެވި އެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 5،031 ވޯޓެވެ.

ތިން ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 2،343 ވޯޓު ލިބިވަޑައިގެންނެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި ހަތަރު ވަނަ އަށް ދިޔަ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށް 1،888 ވޯޓު ލިބިވަޑައިގަތެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބު އަލީ އަށް 125 ވޯޓު ލިބިވަޑައިގަތެވެ.

ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ރިޝްވާން ކާމިޔާބު ކޮށްފައިވާއިރު، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އެވެ. އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ.