ޗައިނާގެ ދިރާސާކުރާ ބޯޓެއް ރާއްޖެގައި ބަނދަރު ކުރިޔަސް އެ ބޯޓަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާތީކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް އެ އުޅަނދުން ކުރިއަށް ނުގެންދާނޭކަމަށްވެސް ފޮރިން މިނިސްޓްރީގެ މެސެޖުގައި ބުނެފައިވެ އެވެ.

"ޗައިނާ ސަރުކާރުން ވަނީ އެ އުޅަނދުގައި ތިބި ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ރާއްޖޭގައި ބަނދަރުކޮށްދިނުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުގައި ރަސްމީކޮށް އެދިފައި، އެ އުޅަނދުން ރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެ،" ބަޔާނުގައި އެވެ.

ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބޯޓަކީ ޗައިނާ ސަރުކާރުގެ ޝިޔެންގް ޔެންގް ހޮންގް 3 ނަމަކަށް ކިޔާ އުޅަނދެކެވެ. ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާގޮތުން އެ އުޅަނދު މިހާރު ދަނީ ޖާވާ ކަނޑުން ރާއްޖެއާ ދިމާލަށް ދަތުރުކުރަމުންނެވެ. އެ އުޅަނދު މާލެއަށް ބަނދަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ މި މަހުގެ 30 ގަ އެވެ.

ފޮރިން މިނިސްޓަރީން ބުނީ ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރަށް ރާއްޖޭގައި ބަނދަރުކޮށް ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ ބަދަހިވެގެންދާ ކަމަށް ފޮރިން މިނިސްޓަރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ގޮތުން އެފަދަ ކަންކަމުގައި ދުނިޔޭގައި އަމަލު ކުރާ ބެސްޓު ޕްރެކްޓިސްއާއި މެރިޓައިމް ގާނޫނުގައި އެކަމާ ގުޅުންހުރި މާއްދާތައް ރާއްޖެއިން ނަގަހައްޓާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކަނޑުގެ ދިރާސާތަކަށް ހާއްސަ ޗައިނާގެ އުޅަނދެއް ރާއްޖެ މި އަންނަނީ ކަނޑުގެ ސަރަހައްދުގެ ދިރާސާ ހެދުމަށް ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން އުވާލާ އިތުުރަށް ކުރިއަށް ނުދާން މި ސަރުކާރުން ނިންމާފައި ވަނިކޮށެވެ. އަދި ރާއްޖެ-ޗައިނާ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ އެ ގައުމުގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބެން ފަށާފައިވާ ވަގުތެއްގަ އެވެ.

ޗައިނާގެ ޝަންގް ޔަންގް ހޮންގަކީ ސީދާ އަސްކަރީ އުޅަނދަކަށް ނުވި ނަމަވެސް، ރޮއިޓާސްއިން ބުނާ ގޮތުގައި އެ އުޅަނދުގެ ދިރާސާތައް އަސްކަރީ ކަންކަމުގައި ބޭނުންކުރެ އެވެ. އިންޑިއާއިން މި އުޅަނދާ މެދު ކަންބޮޑުވާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.

ޗައިނާގެ މި އުޅަނދު ދަތުރުކުރާ މިސްރާބު ބަރާބަރަށް ބަލަމުން އަންނަ ކަމަށް، އިންޑިއާގެ އަސްކަރީ އޮފިޝަލު ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދީފަ އެވެ.