ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓު (އައިސީޖޭ) އިން ހުކުރު ދުވަހު ވަނީ އިޒްރޭލާ ދެކޮޅަށް ހަ، އަމުރެއް ނެރެފަ އެވެ. އެހެން ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ އަމުރެއް ނެރުމަށް ވަނީ ނުކުޅެދިފަ އެވެ.
ކޯޓުގެ އަމުރުތައް މިއައީ ސައުތު އެފްރިކާ އިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި ނަސްލު ނައްތާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގެ މައްސަލައިގަ އެވެ. އެ މައްސަލާގައި ސައުތު އެފްރިކާ އިން ވަނީ އިޒްރޭލާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. ސައުތު އެފްރިކާއިން ތުހުމަތު ކުރަނީ އިޒްރޭލުން ގާޒާގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާގައި ފަލަސްތީނުގެ ނަސްލު ނައްތާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އިޒްރޭލުން މި ތުހުމަތުތަކާ ދެކޮޅު ހަދަ އެވެ. އިޒްރޭލުން ބުނާގޮތުގައި އެމީހުންގެ ހަމަލާތަކަކީ އަމިއްލަ ނަފުސުގެ ދިފާއުގައި ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެކެވެ. އިޒްރޭލުން ކޯޓުގައި ވެސް ބުނެފައި ވަނީ އެމީހުންގެ މަގުސަދު ހާސިލު ނުވަނީސް ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ.
ހުކުރު ދުވަހު ދަހޭގުގައި އޮތް އައިސީޖޭގެ އަޑުއެހުމުގައި ޖަޖް ޖޯން ޑޮނާހިއޫ ވަނީ ސައުތު އެފްރިކާ އިން ހުށަހެޅި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް އިޒްރޭލުން ބުނަމުންދިޔަ ދިއުމާ ދެކޮޅު ހައްދަވާފަ އެވެ. އިޒްރޭލުން ބުނަމުން ދިޔައީ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ސައުތު އެފްރިކާއިން އިޒްރޭލާ މުއާމަލާތުކޮށްފައިނުވާ ކަމަށެވެ.
ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެއީ ކުރަންޖެހޭ ކަމެކެވެ. އިޒްރޭލުގެ އެ ވާހަކަ ބަލައި ނުގަންނަވާ ކަމަށް ނިންމަވަމުން ފަނޑިޔާރު ވިދާޅުވީ ސައުތު އެފްރިކާ އިން އެގައުމުގައި ހުންނަ އިޒްރޭލް އެމްބަސީއަށް އިޒްރޭލުން ހިންގާ ގަތުލުއާންމާ ބެހޭ ގޮތުން މައްސަލަ ހުށަހަޅައި އިޒްރޭލުން އެ ޝަކުވާއަށް ރައްދުދީފައިވާކަން އެނގެން އޮތުމުން މައްސަލާގައި ދެބަސްވުން އުފެދިފައިވާކަން ސާފުކޮށް އެނގެ އެވެ. އެހެންކަމުން މައްސަލަ ހުށަހެޅުމުގެ ފުރިހަމަ ބާރު ސައުތު އެފްރިކާއަށް ލިބިގެންވާ ކަމަށް ވެސް ފަނޑިޔާރު ވަނީ ނިންމަވާފަ އެވެ.
އައިސީޖޭ އިން ނެރުނު އަމުރު
އައިސީޖޭގައި ސައުތު އެފްރިކާއިން އެދުނީ އިޒްރޭލްގެ މައްޗަށް ނުވަ އަމުރެއް ނެރެދިނުމަށެވެ. އޭގެ ތެރެއިން ހަ އަމުރެއް ކޯޓުން ވަނީ ނެރެދީފަ އެވެ. އެ އަމުރުތަކުގެ ތެރޭގައި ނަސްލު ނައްތާލުމުގެ އަމަލުތައް ނުހިންގާކަން ކަށަވަރު ކުރުމަށާއި، އިންސާނީ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާއި، އިންސާނީ ހާލަތު ގޯސްވެދާނެ ފަދަ ހުރިހާ އަމަލެއް ހުއްޓާލުމަށާއި، މިހާރު އޮތް ހާލަތުން ގާޒާގެ ރައްޔިތުން އަރައިގަތުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުމަށާއި، ނަސްލު ނައްތާލުމަށް ހިންގާފައިވާ އެއްވެސް އަމަލެއްގެ ހެކި ނައްތާނުލުމަށާއި، ކޯޓުން ނެރުނު އަމުރުތަކަށް ކިޔަމަންވުމަށް އިޒްރޭލުން އަޅާ ފިޔަވަޅުތަކާ ބެހޭ ރިޕޯޓެއް ކޯޓަށް ހުށަހެޅުން ވެސް ހިމެނެ އެވެ. ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އަމުރު ކޮށްދިނުމަށް ސައުތު އެފްރިކާ އިން އެދިފައި ވީނަމަވެސް ކޯޓުގެ ވަގުތީ އަމުރުގައި އެކަމާ ބެހޭ ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
އައިސީޖޭގެ އަމުރުން ކުރާނީ ކޮން އަސަރެއް؟
އައިސީޖޭއަށް މައްސަލަ ހުށަހެޅި ސައުތު އެފްރިކާ އާއި މައްސަލަ ރައްދުވާ އިޒްރޭލަށް ވެސް ކޯޓުގެ ނިންމުމާ އެއްގޮތަށް އަމަލުކުރުން ލާޒިމުވެގެންވެ އެވެ. އެ ނިންމުން އިސްތިއުނާފުކުރުމުގެ ހައްގެއް އެ ދެގައުމުން ކުރެ ގައުމަކަށް ލިބިގެނެއް ނުވެ އެވެ. ކަން އެހެން އޮތް ކަމަށް ވިޔަސް ކޯޓުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރެވޭނެ ކަމަކާ ބެހޭ އުސޫލެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން އަމުރަށް ބޯ ލެނބިޔަސް ނުވަތަ ނުލެނބިޔަސް ކޯޓަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެ އެވެ.
އައިސީޖޭގެ އަމުރާ ގުޅިގެން ކުރެވެން އޮންނާނެ ކަމަކީ އެ އަމުރާ އެއްގޮތަށް އަމަލުކުރުމަށް އިޒްރޭލުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި މައްސަލަ ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުމެވެ. އަލްޖީރިއާއިން މިހާރު ވަނީ އެ މައްސަލަ ހުށަހަޅާފަ އެވެ. ގާޒާގެ މައްސަލައިގައި އެ ކައުންސިލަށް މިހާތަނަށް ހުށަހެޅި ހުރިހާ މައްސަލައެއް ވެސް އެމެރިކާ އިން ވަނީ ވީޓޯ ކޮށްފަ އެވެ. އެހެން ނަމަވެސް އައިސީޖޭގެ ހުކުމެއް ނެގެހެއްޓުމަށް އަމުރުކުރުމަށް ހުށަހަޅާ މައްސަލައެއް ވީޓޯ ކުރުމުގެ ސަބަބުން ޗައިނާ އާއި ރަޝިޔާ ފަދަ ގައުމުތަކަށް ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެމެރިކާއިން ގޮވާލާ ގޮވާލުމާ ފުށު އަރާނެތީ އެމައްސަލަ ވީޓޯ ކުރުމަކީ އެމެރިކާ އަށް ދިމާވާނެ ބޮޑު ގޮން ޖެހުމަކަށް ވާނެ އެވެ.
އައިސީޖޭގެ އަމުރުތައް ތަންފީޒުކުރުމަށް އިޒްރޭލަށް އަމުރުކޮށް ނަގާ ވޯޓެއް ފާސްވެއްޖެނަމަ އެކަމުގެ ސަބަބުން އިޒްރޭލާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ބާރު ޔޫއެންއަށް ލިބޭނެ އެވެ. އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅާއި ހަތިޔާރު ވިއްކުން މަނާކުރުން ފަދަ ކަންތައްތަކަކީ މިބާވަތުގެ އަމުރުތަކާ ގުޅިގެން މީގެ ކުރިން ކޮށްފައި ހުރި ކަންތައްތަކެވެ. ހަމަ އެފަދައިން ކުވޭތަށް އިރާގު އަރައިގަތުމުން ބައިނަލްއަގުވާމީ ލަޝްކަރެއް ފޮނުވައި އިރާގުގެ އަތްދަށުން ކުވެއިތު ސަލާމަތްކުރި ގޮތަށް އިޒްރޭލުގެ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގުވާމީ ލަޝްކަރެއް ފޮނުވުމުގެ ބާރު ވެސް ޔޫއެންއަށް ލިބޭނެ އެވެ.
ދެން ވާނީ ކިހިނެއް؟
ހުކުރު ދުވަހު އައިސީޖޭ އިން ނެރުނު އަމުރުތަކަކީ ވަގުތީ އަމުރުތަކެކެވެ. އެ އަމުރުތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކާ ބެހޭ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަން އިޒްރޭލަށް ޖެހެ އެވެ. އޭގެ ފަހުން ސައުތު އެފްރިކާއިން މައްސަލަ ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކާއި އިޒްރޭލްގެ ޕޮއިންޓުތައް ހުރިހާ ފަނޑިޔާރުން ވަކި ވަކިން ދިރާސާ ކުރާނެ އެވެ. ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބުރަވެ ފަނޑިޔާރުންގެ މެޖޯރިޓީ ރައުޔުގެ މައްޗަށް ބުރަވެ ކޯޓުން އެންމެ ފަހުގެ އަމުރު އިޒްރޭލުގެ މައްޗަށް ނެރޭނެ އެވެ.
އައިސީޖޭއިން ނެރުނު އަމުރަށް އިޒްރޭލުން ބޯލެނބުމަށް ވުރެ ގާތީ ނުލެނބުމެވެ. އެ އަމުރަށް އިޒްރޭލުން ބޯ ލެނބިޔަސް ނުވަތަ ނުލެނބިޔަސް ދުނިޔޭގެ ކުރިމަތީގައި ފާޅުގައި އިޒްރޭލަށް ވާގިވެރިވަމުން އަންނަ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކަށް އައިސީޖޭގެ މި ހުކުމުގެ ސަބަބުން ވަރަށް ބޮޑު ނުތަނަވަސް ކަމެއް ލިބޭނެ އެވެ.