ރައީސް އައްޔަން ކުރައްވާ ވަޒީރުންގެ މަޖިލީހަށް ނުރުހުން ދިނުމާއި ނުދިނުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި އެކަން ނޭނގިގެން އުޅެނީ އަދުގެ ސަރުކާރަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ސަރުކާރުގެ އިސްވެރިންތަކެއް ސަރުކާރުގެ ބައެއް ވަޒީރުންތަކަށް ރުހުން ނުދިނުމާއި ގުޅީގެން ނުރުހުން ފާޅުކޮށް ނުކުމެ، ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި އިހުތިޖާޖު ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި، މި ސަރުކާރު ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ.

"ރުހުން ނުދިނަކަށް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ. ފަހަރެއްގައި ހީވެދާނެ ރުހުން ނުދިނީމަ ސަރުކާރު ހުއްޓުމަކަށް ގެނެވިދާނެ އޭ. އެކަމެއް ނުކުރެވޭނެ. މި ސަރުކާރު ބާރު ސްޕީޑުގައި ކުރިއަށް ދާނެ. މުއިއްޒު ދުވެލީގައި ސަރުކާރު ކުރިއަށް ދާނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ދެއްކެވި ވާހަކަތައްކަށް ރައްދު ދެއްވާ ޑރ.ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ މަޖިލީހުގައި އަމަލުކުރަމުން އެދަނީ ދުސްތޫރީ ގޮތުން ރަނގަޅަށް ކަމަށާއި، އެކަން ނޭނގިގެން އުޅެނީ އަދުރޭމެންގެ ސަރުކާރަށް ކަމަށެވެ.

އިތުރަށް ޑރ.ޖަމީލް ވަނީ އެބޭފުޅުން ދަސްކުރަންވީ އަޚުލާގު ކަމަށާއި، އެއްވެސް ހާލަތެއްގައި މުޒާހަރާކޮށް ޤާނޫނާއި ޚިލާފު ވެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު އެބޭފުޅުން އެ ތިއްބެވީ ސަރުކާރުގައި ކަމަށާއި، އަމުދުން ސަރުކާރުގެ އިސްވެރިން ވާންޖެހޭނީ ކިޔަމަންތެރި ބަޔަކަށް ކަމަށް ވިދާޅުވެފަ އެވެ.

"މަޖިލީހުން ރުހުން ދިނުމާއި ނުދިނުމަކީ މަޖިލީހުގެ ބާރެއް. ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެެއްގެ ސިފަތައް އެއީ. ޗެކް އެންޑް ބެލެންސް ހިނގާ ގޮތް އެއީ. މަޖިލިސް އަމަލުުކުރަނީ ދުސްތޫރީ ގޮތުން ރަނގަޅަށް. ނޭނގިގެން އުޅެނީ މިއަދު ސަރުކާރަށް," ޖަމީލް ވިދާޅު އެވެ.

އިތުރަށް އިދިކޮޅުގައި ތިބޭގޮތަށް އުޅުމަކީ ޒިއްމާދާރުކަމެއް ނޫން ކަމަށް ވެސް ޑރ. ޖަމީލް ވަނީ ހަނދުމަފުޅު އާ ކޮށްދެއްވާފަ އެވެ.

މަޖިލިސް ބޭރުގައި ސަރުކާރުގެ އިސްވެރިން އިހުތިޖާޖު ކުރަމުންދިޔައިރު، މަޖިލިސް ތަޅުމުގެ އެތެރޭގައިވެސް އެތައް ހަމަނުޖެހުންތަކެއް ހިންގަމުން ދިޔަކަން ފާހަގަކޮށްލެވެ އެވެ.

އެމްޑީޕީން ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނައިބު މުހައްމަދު އުޝާމް އަށެވެ. ޑިމޮކްރެޓްސްގެ ރުހުން ނުދޭން ނިންމި ވަޒީރުންގެ ލިސްޓުގައި މިނިސްޓަރު ސައީދުގެ ނަމެއް ނެތެވެ. ނަމަވެސް އެ ޕާޓީން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދޭން ވަނީ ނިންމައިފަ އެވެ.