މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގަށް މައާފް ދީފި އެވެ.

ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވިއިރު ވައްކަމާއި ކޮރަޕްޝަން ހިންގެވިކަމުގެ ކުށުގައި ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ނަޖީބަށް މައާފްދީފައި ވަނީ ޕާޑަން ބޯޑް (މައާފް ދިނުމާއި އަދަބު ލުއިކުރުމާ ބެހޭ ބޯޑު) އިން އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވަނީ މެލޭޝިއާގެ ރަސްގެފާން އަބްދުﷲ އަހުމަދު ޝާހެވެ. މިއީ ސުލްތާން އިބްރާހިމް އިސްކަންދަރަށް މިހަފުތާފައ ރަސްކަން ހަވާލު ކުރެއްވުމުގެ ކުރިން ރަސްގެފާން ޝާހު ބޭއްވެވި ރަސްމީ އެންމެ ފަހު ބައްދަލުވުމެވެ.

ޕާޑަންސް ބޯޑުގައި އިންނަވާ ބޮޑުވަޒީރު އޮފީހުގެ މިނިސްޓަރު ޑރ. ޒަލީހާ މުސްތަފާ ވިދާޅުވީ ނަޖީބުގެ ފަރާތުން ހުށަހަޅާފައިވާ އަދަބު ލުއިކުރުމާއި މައާފް ދިނުމުގެ މައްސަލައާ ބެހޭ ގޮތުން ބޯޑުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

މެލޭޝިއާގެ 1މެލޭޝިއާ ޑެވެލޮޕްމަންޓް ބަރުހާބުގެ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަނޭޝަނަލްއާ ގުޅޭ 42 މިލިއަން ރިންގިޓް (11.9 މިލިއަން ޑޮލަރު) ގެ ކޮރަޕްޝަން ހިމެނޭ ގޮތުން އެތައް ކުށެއްގައި ނަޖީބު މިހާރު ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ކުށުގެ އިސްތިއުނާފުގެ ހުރިހާ މަރުހަލާތަކެއް ނިމިފައިވާ ނަޖީބަށް މައާފް ދެވޭނެ ހަމައެކަނި ގޮތަކަށް މިހާރު އޮތީ ރަސްގެފާން ދެއްވާ ޝާހީ މައާފަކުންނެވެ. ރަސްގެފާން ޝާހުގެ ރަސްކަމުގެ ދައުރު މިއަދު ހަމަވާނެ އެވެ.