ފާއިތުވި 2023 ވަނަ އަހަރު ސަޕޯޓަރުންނާއި ބެލުންތެރިންގެ ފަރާތުން ލިބުނު ހިތްވަރާއި ސަޕޯޓަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފި އެވެ.

މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހްރުކް ޚާން ބުނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ބޮޑު ސްކްރީނަށް އަންނަން ކުޑަކޮށް ޖެހިލުންވި ކަމަށާއި އެހެން ނަމަވެސް ބެލުންތެރިންގެ ފަރާތުން ލިބުނީ އުއްމީދުވެސް ނުކުރާފަދަ ތަރުހީބެއް ކަމަށެވެ.

ހަތަރު އަހަރު އެއްވެސް ފިލްމެއްގައި މަސައްކަތް ނުކޮށް ހުރުމަށްފަހު 2023 ވަނަ އަހަރު ޝާހްރުކް ޚާން ވަނީ ތިން ފިލްމަކުން ފެނިގެން ގޮސްފަ އެވެ. އެއީ ޕަތާން، ޖަވާން އަދި ޑަންކީ އެވެ.

މި ތިން ފިލްމުވެސް ވެގެން ގޮސްފައިވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލު އަދި ބޮކްސް އޮފީހުގައި ވެސް ކާމިޔާބު ފިލްމުތަކަކަށެވެ.

ބޮލީވުޑްގައި 33 އަހަރުގެ ދިގު ތާރީހެއް ހޭދަކޮށްފައިވާ ޝާހްރުކް ޚާން އިތުރަށް ބުނީ ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ބަދަލެއް ނުވާ ތަރުހީބަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށެވެ.