މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް '' ހުރިހާ'' އަށް ވިދާޅުވީ އިކްރާމާ ގުޅޭތޮތުން ތަހުގީގު ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ވަޒީފާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަކާއި މޯލްޑިވް ގޭހަށް އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.

މޯލްޑިވް ގޭހަށް އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ޚަރަދުގައި އިކުރާމު ސިންގަޕޫރަށް ދަތުރެއްކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ސަރުކާރުގެ ބާރުގަދަ ބޭފުޅުންގެ ނުފޫޒުން މި މައްސަލަތައް އޮއްބާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަ މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ވެސް އިކްރާމްގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

އެ މައްސަލަ ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި އިކްރާމް މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.