ރަސްމީ މަސައްކަތާ އެކުގައި ދުވުމާއި ފެތުމާއި ސައިކަލް ދުއްވުން ފަދަ ކަންކަމުގައި ދެން ހަރަކާތްތެރިވެވަޑައިގެން އުޅުއްވާނީ މާ ގަދަކޮށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމީމް މާލޭގެ މަގުމަތިން ވަޑައިގަންނަވަނިކޮށް ބަޔަކު ވަނީ މަރުތޭލުން އޭނާ އަށް ހަމަލާ ދީފަ އެވެ. މި ހަމަލާގައި ޝަމީމްގެ ވައަތު އުޅަނބޮށިން ތިރިން ކަށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.

ޝަމީމަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

"މިއަދު ހެނދުނު އަޅުގަނޑަށް ވަނީ ހަމަލާ ދީފައި. ވައަތުގައި ވަނީ ރެނދެއް ލާފައި. މިހާރު މި ހުރީ ގޭގައި އާއިލާއާ އެކު. މަސައްކަތާއި ދުވުމާއި ބައިސްކަލް ދުއްވުން އަދި ފެތުމަށް ދެން އެނބުރި އަންނާނީ މާ ވަރުގަދަކޮށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމަކީ ރަސްމީ މަސައްކަތުގެ އިތުރުން ވަރަށް ބޮޑަށް ދުވުމާއި ފެތުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ޝަމީމަށް ހަމަލާ ދިނީ ވެސް މިއަދު ފަތިހު ދުވަން ނުކުމެ އުޅުއްވުމަށް ފަހު ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެޔަށް ވަޑައިގަތް ވަގުތެވެ.

ޝަމީމަށް ހަމަލާ ދިން މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.